ވާވޭ ފޯނުތަކުގައި ދެން ބޭނުންކުރެވޭނެ ކަމަށް ބުނަނީ "ހޮންމެން އޯއެސް"

ގޫގުލްއާ އެކު ވިޔަފާރިކުރުން މަނާވެފައި އޮތުމުން، އަލަށް ނެރެން ހުރި ވާވޭ ފޯނުތަކުގައި އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރެވޭނެ ގޮތެއް ނެތެވެ. ވާވޭ އަށް މިހާރު އޮތް ގޮތަކީ، އަމިއްލަ ފޯނުތަކަށް އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފެއްދުމެވެ. އެ މަސައްކަތްތައް ކުރެވެމުން ދާ ކަމަށް ވާވޭގެ ފަރާތުން ލިބޭ ޚަބަރުތައް ބުނެ އެވެ.


ވާވޭ އަށް އެންޑްރޮއިޑް ނުލިބުމަކީ ހިތްދަތި ކަމަކަށް ވާނެ އެވެ. ނަމަވެސް، އެ މީހުން ތިބީ ފޯނުތައް އުފެއްދުން ހުއްޓާލާ ގޮތަށް ނޫންކަން ޚަބަރުތަކުން އެނގެ އެވެ. ވާވޭ ފޯނުތަކުން ހިންގަން އުފައްދާ އޮޕަރޭޓިން ސިސްޓަމަށް ކިޔަނީ "އޯކް އޯއެސް" އެވެ. މިއީ ކުރިން "އާކް އޯއެސް" ކަމަށް ވެސް ބުނެވުނެވެ. މަސްރަހުގައި ހުރި ވާހަކަތަކަށް ބަލާއިރު، ޗައިނާ މާކެޓަށް ޚާއްސަކޮށް އުފައްދާ ވާވޭ ފޯނުތަކުގައި ބޭނުންކުރާނެ ކަމަށް ވަނީ "ހޮންމެން އޯއެސް" އެވެ.

އަމިއްލަ ފޯނުތަކުގައި ބޭނުންކުރުމަށްޓަކައި އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފައްދަން ވާވޭ މަސައްކަތް ފަށާފައި ވަނީ 2012 ވަނަ އަހަރު އެވެ. މި އޮޕަރޭޓިން ސިސްޓަމަށް، ޕްރޮޖެކްޓް ނަމެއް ގޮތުގައި ހޮންމެން ކިޔެއް ކަމަކު، މިއީ އެންޑްރޮއިޑް އެޕްލިކޭޝަންތައް ސަޕޯޓްކުރާ އޮޕަރޭޓިން ސިސްޓަމެއް ކަމަށް ބުނެވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ވާވޭ އޯކް އޯއެސް ތައާރުފުކުރުމަށް ދެން ގިނަ ދުވަސްތަކެއް ނެތެވެ. މާކެޓަށް އަދި ނުނެރެ ހުރި ފޯނުތަކުގައި އޯކް އޯއެސް ބޭނުންކުރުން ވަރަށް ގާތް ކަމަށް ބުނެވެ އެވެ.

ވާވޭ ފޯނުތަކުގައި ބޭނުންކުރެވޭ އޯއެސްއާ ބެހޭ ގޮތުން ވާހަކަތައް ޓްވީޓާގައި

އެމެރިކާ ސަރުކާރުން ވާވޭ އަށް ދަތިކުރަން ފިޔަވަޅުތައް އަޅަމުން ދާތީ، ވާވޭއިން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން މިހާރު ވާހަކައެއް ނުދައްކަ އެވެ. ޚަބަރުތައްކަށް މައުލޫމާތެއް ނުދެ އެވެ. ވާވޭއާ ގުޅުން ހުރި ކޮންމެވެސް މީހެއްގެ ފަރާތުން އެނގޭ އެއްޗެއް ފިޔަފައި، ވާވޭ މިހާރު އުޅެނީ ފޮރުވިގެންނެވެ. އެހެން ނަމަވެސް، ބުނެވޭ ގޮތުގައި އެއީ ބާރުގަދަ ފޯނުތައް ނެރޭ ތާރީޚު ލައިގަންނަންދެންނެވެ.