ގޫގުލް ޕްލޭ ސްޓޯރުގެ ބާރު ކަނޑުވާލަން، ޗައިނާ ސްމާޓްފޯން ކުންފުނިތައް އެއްބައިވަނީ

ގޫގުލް ޕްލޭ ސްޓޯރުގައި އެކައުންޓެއް ހުޅުވަން 25 ޑޮލަރު ދައްކަން ޖެހެ އެވެ. މި ކަމަށް ދެން އިތުރު އަގެއް ނުނަގަ އެވެ. ޕްލޭ ސްޓޯރުގައި "ފްރީ އެޕްލިކޭޝަން"ތައް ހިލޭ ބެހެއްޓެ އެވެ. ޑިވެލޮޕަރުން އެޕްލިކޭޝަން ވިއްކާ ނަމަ، ލިބޭ އާމްދަނީން 30 ޕަސެންޓް ގޫގުލް އަށް ދޭން ޖެހެ އެވެ.


އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުންނަށް ހީވެފައި އޮންނަނީ، ގޫގުލް ޕްލޭ ސްޓޯރާ ނުލައި ފޯނު ހިންގުމަކީ ސައްހަ ގޮތް ނޫން ކަމަށެވެ. އެކަމަކު، ޗައިނާގައި އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުން ގޫގުޕް ޕްލޭ ސްޓޯރަށް މާބޮޑު ބޭނުމެއް ނުޖެހެ އެވެ. މި ގޮތުގައި ސްމާޓްފޯން ވެށި ދެމެހެއްޓުމަށް ޗައިނާގެ ބާރުގަދަ ސްމާޓްފޯން ކުންފުނިތައް އެއްގަލަކަށް އެރި ވާހަކައިން މުޅި ދުނިޔެ އަށް މިއޮތީ ގުޑުން އަރާފަ އެވެ.

އޮޕޯ، ވީވޯ، ޝޯމީ އަދި ވާވޭ ގުޅިގެން އުފައްދަން އުޅޭ "ގްލޯބަލް ޑިވެލޮޕާ ސާވިސް އޭލިއަންސް" އަކީ ގޫގުލް ޕްލޭ ސްޓޯރުގެ ބާރު ކަޑުވާލުމަށްޓަކައި އުފައްދަން އުޅޭ އެއްބާރުލުމެކެވެ. އެ މީހުންގެ ބޭނުމަކީ ޗައިނާގައި އުފައްދާ ސްމާޓްފޯނުތައް ދުނިޔޭގެ ކޮންމެ ތަނެއްގައި ބޭނުންކުރި ނަމަވެސް، އެ ފޯނަކަށް ބޭނުންވާނެ ހުރިހާ އެޕްލިކޭޝަނެއް އުފައްދައިދިނުމެވެ.

ސްމާޓްފޯން މާކެޓްގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދެއް މި ހަތަރު ކުންފުނި ހިއްސާކުރެ އެވެ. މިއީ ޗައިނާ ސްމާޓްފޯން ކުންފުނިތަކުގެ ނުފޫޒު މުޅި ދުނިޔެ އަށް ފޯރާފައި އޮތް މިންވަރެވެ. މި މިންގަނޑަށް ބޭނުންޖެހޭ އެޕްލިކޭޝަންތައް އުފައްދައި، ގޫގުލް ޕްލޭ ސްޓޯރަށް ވާދަވެރިޔަކު އުފަަންކުރަން މި ކުންުފުނިތަކުން ކުރާ މަސައްކަތްތަކުގައި، ޑިވެލޮޕަރުންނަށް ރަނގަޅު ފުރުސަތުތަކެއް ދިނުމަށް އަންނަނީ މަޝްވަރާކުރަމުންނެވެ.

"ގްލޯބަލް ޑިވެލޮޕާ ސާވިސް އޭލިއަންސް" އިން ވިސްނާ ނުކުތާތަކުގެ ތެރޭގައި، ގޫގުލް ޕްލޭސްޓޯރުން، ޑިވެލޮޕަރުންގެ އަތުން ނަގާ 25 ޕަސެންޓްގެ ބަދަލުގައި، އެ އަދަދު 20 ނުވަތަ 15 ޕަސެއްޓަށް ދަށްކުރުން ހިމެނެ އެވެ. މިކަން މި ގޮތަށް ކުރުމަށްޓަކައި، އަދަދު ކަނޑައެޅި އަދި ހާމަވެފައި ނެތް ނަމަވެސް، އެތައް ބިލިއަން ޑޮލަރެއް ޚަރަދުކުރަން މި ކުންފުނިތަކުން ތައްޔާރު ކަމަށް ވަނީ ބުނެފަ އެވެ.