އައިފޯނުތަކުގެ ޗާޖިން ޕޯޓް ބަދަލުވަނީ

އައިފޯނުތަކުގެ ޗާޖިން ޕޯޓް ބަދަލުވާނެ ދުވަހަކަށް އިންތިޒާރުކުރެވޭތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ. އެޕަލް އަށް މިކަން ނުކުރެވިގެން އުޅެނީ، އިންޖިނޭރުންގެ ކިބައިގައި ފެންވަރު ނެތިގެނެއް ނޫނެވެ. އައިފޯނުތައް ޗާޖުކުރަން މިހާރު ބޭނުންކުރާ ލައިޓްނިން ކޭބަލަކީ އެޕަލް އަށް މާލީ ތަނަވަސްކަން ހޯދައިދޭ އާލާތަކަށް ވާތީ އެވެ.


ސްމާޓްފޯން މާކެޓްގައި ވާދަވެރިންގެ ހުރިހާ ފޯނުތަކެއްހެން، ޔޫއެސްބީ ޓައިޕްސީ އަށް ބަދަލުވަނީ އެވެ. ވަރަށް ހަލުވިކަމާ އެކު އެ މަސައްކަތް އެބަ ކުރެ އެވެ. ނަމަވެސް، އެޕަލް ބޭނުންވަނީ ލައިޓްނިން ކޭބަލުން ކުންފުންޏަށް ފައިސާ ހޯދާށެވެ. ނަމަވެސް، މި އަހަރު އެކަން ބަދަލުވެދާނެ ކަހަލަ ނިޝާންތަކެއް އެބަ ފެނެ އެވެ.

އައިފޯން މޮޑެލްތަކެއް ޓައިޕްސީ އަށް ބަދަލުކޮށްފާނެ ކަމަށް ބެލެވޭ މަންޒަރެއް

މި އޮތީ ޓްވީޓާ އަށް ލީކުވެފައި އޮތް މެސެޖެކެވެ. ފޮޓޯ އަށް ބަލާށެވެ. އެ ފެންނަނީ ޓައިޕްސީ ކޭބަލެކެވެ. މީގެ ކުރިން އެ ތަނުގައި އޮންނަނީ ލައިޓްނިން ކޭބަލެކެވެ. މި ފޮޓޯއިން ދޭހަވަނީ މި އަހަރުގެ ކޮންމެވެސް ހިސާބެއްގައި އައިފޯނުތަކުގައި ޓައިޕްސީ ކޭބަލް ބޭނުންކުރެވުން އެކަށީގެންވާ ކަމެވެ.

އެޕަލް އިން މި އަހަރު އަދި ބޮޑު ހަފުލަ ނުބާއްވަ އެވެ. އާ އައިފޯނުތައް ތައާރުފުކުރުން އޮތީ އެވެ. ސެޕްޓެމްބަރު ލައިގަންނަންދެން އިންތިޒާރުކުރުން ނޫން ގޮތެއް ވަފާތެރިންނަށް ވެސް ނެތެވެ. މި އަހަރަށް ޚާއްސަ މޮޑެލްތައް އަދި އައިއޯއެސް 13 އާންމުކުރާ ތާރީޚަކަށް ވާނެ ކަމަށް ވެސް ބުނެވެނީ އަހަރުގެ ފަހުގެ ދުވަހެކެވެ.

އައިފޯނުތަކުގެ ޗާޖިން ޕޯޓް ބަދަލުކުރުމަކީ އެޕަލް އަށް ދެން އެންމެ ރަނގަޅު ގޮތް ކަމަށް ފެނެ އެވެ. ސްމާޓްފޯން ސިނާއަތުގައި އެންމެން އެއް މިންގަނޑަކަށް ފެތެން އޮތް ގޮތް ކަމަށް ވާތީ ވެސް އެވެ. އެޕަލް އަކީ ތަަފާތު ކުންފުންޏަކަށް ވެފައި، ތިމަންނަމެންނަކީ ތަފާތު ބައެއްކަން ދެއްކުމަށްޓަކައި، ލައިޓްނިން ކޭބަލުގައި ހިފަހައްޓައިގެން ތިބުމުން ކުރާނެ އެއްވެސް ފައިދާއެއް ދެން ނެތެވެ.

އައިފޯނުގެ ބައެއް މޮޑެލްތައް ޔޫއެސްބީ ޓައިޕްސީ އަށް ބަދަލުކުރި ނަމަވެސް، މި އަހަރު ނެރޭ ހުރިހާ މޮޑެލްތަކެއް ޓައިޕްސީ އަށް ބަދަލުކުރާނެ ކަމަކަށް ނުބެލެެ އެވެ.