އެޕަލް ވޮޗް 5: ފަސް ވަނަ ޖީލުގެ ގަޑިތައް

މިއީ އާދަކާދަ އެވެ. އެޕަލްގެ އުފެއްދުމެއް ލޯންޗްކުރާ ތާރީޚް ކައިރިވަމުން އަންނައިރު، ލިޔާނެ އެހެން ޚަބަރެއް ނޫސް މަޖައްލާތަކަކަށް ނުލިބެ އެވެ. އެ ނޫން އެހެން ވާހަކައެއް ދެއްކޭކަށް ވަފާތެރިންނަކަށް ވެސް ނޯވެ އެވެ. މި ފަހަރު މި އޮތީ އެޕަލް ވޮޗް 5ގެ ވާހަކަތަކެއެވެ. މިއީ އެ މީހުން ބުނާ ގޮތަށް ނަމަ، ފަސް ވަނަ ޖީލުގެ ގަޑިތަކެވެ. ހިތާމަ އަކީ، ފަސް ވަނަ ޖީލުގެ ގަޑިތަކާ ބެހޭ ގޮތުން ދައްކާނެ ކަށަވަރު ވާހަކައެއް އަދިވެސް ނެތް ކަމެވެ.


އެޕަލްގެ އުފެއްދުންތައް، އިންޓަނެޓްގައި ކަވަރުކުރާ މީހުންނަށް ވެސް، އެޕަލް ވޮޗް 5އާ ބެހޭ ގޮތުން ދައްކާނެ ވާހަކައެއް އަދި ނުލިބެ އެވެ. އެޕަލްގެ ގަޑިތައް އާންމުކޮށް ލޯންޗްކުރަނީ ސެޕްޓެމްބަރު މަހު އެވެ. ސެޕްޓެމްބަރު ލައިގަންނާކަށް ދެން ދުވަސްތަކެއް ނެތެވެ. އެކަމަކު ވެސް، އެޕަލް ވޮޗް 5އާ ބެހޭ ގޮތުން ބުނާނީ ކީކޭ ހެއްޔެވެ؟ އެޕަލް ގަޑިތައް މި އަހަރު ނެރޭނެހޭ ބުނެ އެތައް ބަޔަކު ސުވާލު ވެސް އެބަ އުފައްދަ އެވެ.

"މެކްރޫމާސް" ވެބްސައިޓްގައި ބުނެފައި ވަނީ، ސީރީޒް 5ގެ ގަޑިތައް އެޕަލުން ލޯންޗްކުރާނީ ސެޕްޓެމްބަރުގައި ކަމަށެވެ. އެހެން ކަމަށްވާ ނަމަ އެ ދުވަހަކަށް ވާނީ ސެޕްޓެމްބަރު 10 ކަމަށް ބެލެވެ އެވެ. މިއީ އަދި ކަށަވަރު ތާރީޚެއް ނޫން ނަމަވެސް، ބަލަމާ ހިނގާށެވެ.

އެޕަލް ވޮޗް 5 މި އަހަރު ވެސް ނެރޭނެ ކަމަށް ބެލެވޭ އަނެއް ހެއްކަކީ، ގަޑިތަކަށް ބޭނުންވާ "އޯލެޑް" ޑިސްޕްލޭތައް އުފެއްދުމަށްޓަކައި އެޕަލުން ކޮންޓްރެކްޓަރުން ހޯދިކަން ކަށަވަރުވެފައި ވުމެވެ. ގަޑިތައް ނެރޭވެ ވަކި ތާރީޚެެއް ކަނޑައަޅައި ބުނަން ނޭނގުނު ނަމަވެސް، "ޖަޕާން ޑިސްޕްލޭ"، "އެލްޖީ"، އަދި ޗައިނާގެ "ބީއޯއީ" ލައްވައި އެޕަލުން ޑިސްޕްލޭ އުފައްދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފަސްވަނަ ޖީލުގެ ސްމާޓް ގަޑިތައް އުފެއްދުމަށް، ސެރަމިކް އަދި ޓައިޓޭނިއަމް އެޕަލުން ބޭނުންކުރާ ކަމަށް ބުނާ ޚަބަރުތަކެއް ވަނީ އިވިފަ އެވެ. ނަމަވެސް، މި ވަގުތަށް އޮތީ ސެޕްޓެމްބަރު މަސް ހިނގަން ފަށައިގަންނަންދެން އިންތިޒާރުކުރުމެވެ.