އެޕަލްގެ ވާދަވެރި ސެމްސަންގުން އެންމެ ފަހުން ބާޒާރަށް ނެރުނު ނޯޓް 7 ގެ ބެޓެރީ ހޫނުވެ ގޮވުމަށް މެދުވެރިވާ ސަބަބާ ހެދި އެ ފޯނުތައް ވިއްކުން ހުއްޓާލުމުން އެޕަލްގެ އައިފޯންގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މި އަހަރު ނިމޭއިރު 100 މިލިއަން އައިފޯން 7 ވިކުން އެކަށީގެންވާ ކަމަށް ދެކުނު ކޮރެއާގެ އެނަލިސްޓުން ބުނެފި އެވެ.

އެޕަލް އަށް ކޮމްޕޮނެންޓް ސަޕްލައިކުރާ ކޮރެއާގެ ކުންފުނިތަކުން ކުރިން ލަފާކޮށްފައި ވަނީ މި މަހު ބާޒާރަށް ނެރު އައިފޯނުގެ 80-85 މިލިއަން ޔުނިޓް މިއަހަރު ވިކޭނެ ކަމަށެވެ. އެކަމަކު ނޯޓް 7 އަށް ދިމާވި ގޮތުން އެޕަލް އަށް އޮތް ޑިމާންޑް 17-25 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި އެެހެންވެ 100 މިލިއަން އައިފޯން ވިކޭނެ ކަމަށް މިހާރު ބެލެވޭ ކަމަށް އެނަލިސްޓުން ބުނެ އެވެ.

"ގެލެކްސީ ނޯޓް 7 ބޭނުންކުރުން ހުއްޓާލުމަށް އެންގުމާއި އޭގެ ފޯނު ގޮވުމުގެ އެކި ހާދިސާތައް އަދިވެސް ހިނގަމުން ދާތީ އެމެރިކާގެ ކަސްޓަމަރުންނަށް ކުރިއަށް ވުރެ ބޮޑަށް އެޕަލްގެ ވާހަކަތައް މިހާރު ވާނީ އެނގިފައި. ނޯޓް 7 އަށް ދިމާވި މައްސަލަ އަކީ އެޕަލް އަށް ލިބުނު ވަރަށް ބޮޑު ޕްލަސް ޕޮއިންޓެއް ކަމާ މެދު އެއްވެސް ސުވާލެއް ނެތް،" އައިބީކޭ އިންވެސްޓްމަންޓްސް އެންޑް ސެކިއުރިޓީސްގެ އެނަލިސްޓް ލީ ސެއުންގް-ވޫ ވިދާޅުވެފައިވެ އެވެ.

މިފަހަރު ނެރުނު އައިފޯނަށް ޑިމާންޑް ބޮޑުވެ އެމެރިކާ އާއި ޗައިނާ އާއި އިނގިރޭސި ވިލާތުން ވެސް ވަނީ ފުރަތަމަ ގެނައި ސްޓޮކް ހުސްވެފަ އެވެ.

މާކެޓް ދިރާސާކުރާ މީހުން ބުނަނީ އައިފޯން 6އެސް އަށް ވުރެ ވެސް ގިނައިން އައިފޯން 7 ވިކޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އައިފޯންގެ ވިޔަފާރި ރަނގަޅުވެގެން ދިއުމާ އެކު އެޕަލްގެ ހިއްސާގެ އަގުތައް ވެސް ވަނީ މައްޗަށް ގޮސްފަ އެވެ.