އާ އައިފޯނާއެކު ޗާޖަރާއި ހެޑްފޯން ނުލިބޭތީ ސެމްސަންގުން މަލާމާތްކޮށްފި

އެޕަލްގެ އައިފޯން 12އާ އެކު ޗާޖިން އެޑަޕްޓަރާއި ހެޑްފޯން ނުދޭތީ ސެމްސަންގުން "މަލާމާތްކޮށްފި" އެވެ.


ސްމާޓްފޯނުގެ ވިޔަފާރީގައި އެންމެ ވާދަވެރި، ސެމްސަންގުން އެޕަލް އަށް ސޯޝަލް ފޭސްބުކްގައި މަލާމާތް ކުރީ އެޑަޕްޓަރެއްގެ ފޮޓޯއަކާ އެކީ "އިންކުލޫޑެޑް ވިތު ޔޯ ގެލެކްސީ" ޖަހައިފަ އެވެ. އަދި ބުނެފައި ވަނީ ޗާޖަރަކީ ފޯނަށް ބޭނުންވާ އެންމެ އަސާސީ އެކަތި ކަމަށާއި ސެމްސަނުން ވިއްކާ ގެލެކްސީ ބްރޭންޑްގެ ފޯނުތަކުގައި އަސާސީ ހުރިހާ އެއްޗެއް ހުންނާނެ ކަމަށެވެ. ސެމްސަގުން އެޕަލް އަށް ރައްދުވާ ގޮތަށް ކުރި ޕޯސްޓްގައި އިމޯޖީތަކެއް ވެސް ހިމަނާފައިވެ އެވެ.

މި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި، ކޮމެންޓްތައް އޮއްސާލާފައިވެ އެވެ. ބައެއް މީހުން ބުނެފައި ވަނީ ސެމްސަންގުގެ މި ޖޯކު ޖެހުން ވަރަށް ކަމުގޮސްފި ކަމަށާއި އެ ކުންފުނި ދެކެ އެ މީހުން ލޯބި ވަނީ މިފަދަ ސަބަބުތަކާ ހެދި ކަމަށެވެ.

އެޕަލް އިން މި މަހުގެ 13 ވަނަ ދުވަހު އައިފޯން 12 ގެ ހަތަރު މޮޑެލްއެއް ދައްކާލާފައިވެ އެވެ. އެއީ 5ޖީ އާ އެކު އައިފޯން 12 އާއި އައިފޯން 12 މިނީ އާއި އައިފޯން 12 ޕްރޯ އަދި އަދި އައިފޯން 12 ޕްރޯ މެކްސް އެވެ. މި ފޯނުތަކުގެ ޕްރީ-އޯޑަރަށް ހޮނިހިރު ދުވަހު ހުޅުވާލުމަށް ފަހު 23 ގައި ޝިޕްކުރަން ފަށާނެ އެވެ. ޕްރޯ މެކްސް އާއި މިނީ ޝިޕްކުރަން ފަށާނީ އަންނަ 13 އިން ފެށިގެންނެވެ.

މީގެ ކުރިން ސެމްސަންގުން ވަނީ އެޕަލް އިން އައިފޯނުގައި ހެޑްފޯން ޖެކް ނުހިމަނައި ވަޔަލެސް ހެޑްފޯނަށް ހާއްސަކުރުމުން އެކަމަށް ވެސް ސެމްސަންގުން ޖޯކު ޖެހި އެވެ. އެކަމަކު އެންމެ ފަހުން ސެމްސަންގުން ވެސް ހެޑްފޯން ޖެކް ދޫކޮށްލައި ފޯނު އުފައްދަން ފެށީ އެޕަލް އަށް ޖޯކު ޖަހާފައި ހެދި އިސްތިހާރުތައް ސޯޝަލް މީޑިއާ އިން ރިމޫމް ކުރުމަށް ފަހުގަ އެވެ.