ވާވޭގެ ވެރިޔާ އަށް ވެސް ރަނގަޅީ އައިފޯން

ޗައިނާގެ ވާވޭ ކުންފުންޏަށް އެމެރިކާ އިން ކުރިމަތިކުރާ ފިއްތުންތައް ވަރަށް ބޮޑެވެ. އެކަމަކު އެ ކުންފުންޏާ އެންމެ ވާދަވެރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ އެޕަލްގެ އައިފޯނަށް ވާވޭގެ ބާނީ އަދި ސީއީއޯ ރެން ޒެންގްފީގެ ހިތުގައި ހާއްސަ ލޯތްބެއް އެބަ އޮތެވެވެ. އޭނާ ވިދާޅުވާ ގޮތުން ސްމާޓްފޯނުތަކުގެ ތެރެއިން އަދިވެސް އެންމެ ކަމުދަނީ އެޕަލްގެ އައިފޯނެވެ.


ގައުމުން ބޭރަށް ކުރާ ދަތުރުތަކުގައި އާއިލާ މީހުންނަށް ވަރަށް އާންމުކޮށް ހަދިޔާ އަށް އައިފޯނު ގަނެއްދެއްވާ ކަމަށް ވިދާޅުވި އެވެ.

މިކަން ގިނަ ބަޔަކު ހައިރާންކޮށްލި ވާހަކައަކަށް ވިޔަސް، އެމެރިކާގެ އެޕަލްގެ އައިފޯނުގައި ހުރި ކަމުދާ ކަންކަމުގެ ވާހަކަ ދައްކަވާކަށް ވާވާގެ ވެރިޔާއަކަށް މާ ބޮޑު މައްސަލައެއް ނޫނެވެ.

"އައިފޯނުގެ އިކޮސިސްޓަމް ވަރަށް ވެސް ފުރިހަމަ. އަހަރެން ވަރަށް އާންމުކޮށް، އާއިލާ މީހުންނަށް ވެސް އައިފޯނު ގަނެދެން،" ރެންއާ ހަވާލާދީ ސައުތު ޗައިނާ މޯނިން ޕޯސްޓުން ބުންޏެވެ. "އެކަމަކު އޭގެ މާނައަކީ ވާވޭގެ ފޯނުތައް އަހަންނަށް ކަމުނުދާ ވާހަކައެއް ނޫން."

އެޕަލްގެ އައިފޯނުތަކެއް.

ވާވޭ އަށް އެމެރިކާ އިން ދުއްތުރާތުތައް ވަރަށް ގިނަ އެވެ. އެގޮތުން ނިމުނު ހަފުތާ ތެރޭގައި ވާވޭ ސްމާޓްފޯނުތަކަށް ބޭނުންވާ ސޮފްޓްވެއާ ލައިސަންސް ވިއްކުން ގޫގުލުން އިން ހުއްޓާލައިފި އެވެ. މީގެ ސަބަބުން ގޫގުލް ޕްލޭ، ޖީމެއިލް، ޔޫޓިއުބް އަދި ވަކި ލައިސަންސަކުން ހުއްދަ ހޯދަން ޖެހޭ "ގޫގުލް ސާވިސްތައް" ދެން ނެރެން ހުރި ފޯނުތަކުގައި ވާވޭ އަށް ބޭނުމެއް ވެސް ނުކުރެވޭނެ އެވެ.

ވާވޭއަކީ އެންޑްރޮއިޑް މާކެޓަށް ބާރުގަދަ ފޯނުތަކެއް ނެރޭ ކުންފުންޏެކެވެ.