ސެމްސަންގް ފައިންޑް މައި މޮބައިލް އެޕްލިކޭޝަނުން ބިރު ގަންނަ ޒާތުގެ ނޮޓިފިކޭޝަނެއް
އެންޑްރޮއިޑް 10 އަކީ ގޫގުލް އިން މިހާތަނަށް އުފެއްދި އެންމެ ބާރުގަދަ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ކަމަށް ބުނާ އަޑު އިވެ އެވެ. އެ ބުނާ ބާރުގަދަކަމެއް ނުވަތަ މޮޅުކަމެއް އަހަންނަކަށް އަދި ތަޖުރިބާއެއް ނުކުރެވެ އެވެ. މިހެން ކަން އޮއްވައި، ދާދި މިދާކަށް ދުވަހު، ރޭގަނޑުގެ ވަގުތެއްގައި، އާދަޔާ ޚިލާފު ނޮޓިފިކޭޝަނެން ލިބުނެވެ. އެއީ "ފައިންޑް މައި މޮބައިލް" އެޕްލިކޭޝަނުން ފޮނުވި ނޮޓިފިކޭޝަނެކެވެ. ލިޔެފައި އޮތީ ހިސާބު އަދަދެކެވެ. އެއީ "1" އެވެ.
ފައިންޑް މައި މޮބައިލް ނޮޓިފިކޭޝަން ލިބުނު ތަނާހެން، އެ ނޮޓިފިކޭޝަން އަހަރެންގެ އަތުން ފޮހެވިއްޖެ އެވެ. އެއީ ކީއްވެ ލިބުނު ނޮޓިފިކޭޝަނެއް ކަމެއް ނޭނގުނެވެ. ކޮންމެވެސް ވަރަކަށް ބިރު ވެސް ގަތެވެ. ޖާސޫސީ ނޮޓިފިކޭޝަނެއް ކަމަށް ހީވީތީ އެވެ.
ޖެހިގެން އައި ދުވަހު، ގެލަކްސީ ނޯޓް 10ގެ ބެޓެރީ ވަރަށް އަވަހަށް ހުލިވި އެވެ. ސެމްސަންގުން ކިތަންމެ މޮޅު ފޯނެއް އުފެއްދި ނަމަވެސް، މި ނޫން ވަރެއް ނުވެޔޭ ހިތަށް އެރި އެވެ. ސެމްސަންގް ގެލަކްސީ "ސީ ސެވަން" ވެސް މާ ރަނޅު ކަމަށް ނިންމީމެވެ. އެއީ ބަޖެޓް ފޯނެކެވެ. ދޮޅު ދުވަހު ބެޓެރީ ހިފަހައްޓަ އެވެ.
ފައިންޑް މައި މޮބައިލް ނޮޓިފިކޭޝަންގެ ފިކުރުގައި ހުއްޓައި، ޓްވީޓާ އެކައުންޓްތަކުން އެ ވާހަކަ ދައްކަން ފެށި އެވެ. އެއީ ސެމްސަންގް އަށް އޮޅިގެން ފޮނުވުނު ނޮޓިފިކޭޝަނެއް ކަމަށް ބުނެ ގިނަ ބަޔަކު ޓްވީޓްކުރި އެވެ.
އެއީ ބިރުގަންނަ ވަރުގެ ކަމެއް ނޫން ކަމަށް ސެމްސަންގުން ބުނި ކަމަށް ވެ އެވެ. އަދި އެކަން ހިނގައި ދިޔަ ގޮތް ކިޔައިދެމުން ސެމްސަންގުން ބުނީ އެއީ ކޮންމެވެސް އެއްޗެއް ޓެސްޓްކުރަނިކޮށް ހިނގި އެކްސިޑެންޓެއް ކަމަށެވެ. މި ފަދަ ކަމެއް ދެން ނުހިނގާނެ ހުރިހާ ފިޔަވަޅެއް އަޅައިފައިވާ ކަމަށް ވެސް، ސެމްސަންގުން ބުންޏެވެ.
އެ ނޮޓިފިކޭޝަނާ ގުޅިގެން ފޯނުތަކުގެ ބެޓެރީ ހުލިވެ ދިޔަ ގޮތާ ބެހޭ ގޮތުން ސެމްސަންގުން އަދި އެއްޗެެއް ބުނި ކަމެއް ނޭނގެ އެވެ. ބޮޑަށް ބެލެވެނީ ނޮޓިފިކޭޝަންގެ ޒާތުން، ފައިންޑް މައި މޮބައިލް އެޕްލިކޭޝަނުން ބެޓެރީ ހުލިކޮށްލީ ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ނޫރު
23 February 2020
ސެމްސަންގް ދިވެހިން ގެ ތެރޭގަ އަގުވަޓާލާނެ ގޮތެ ނޭގިގެން ތިއުޅެނީ..........................