ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު މުހައްމަދު ރާމިޒުގެ އަތުން ލޯނެއްގެ ގޮތުގައި ނެންގެވި 20،000 ޑޮލަރު (308،400ރ.) ދެއްކުމަށް އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ހޯމް މިނިސްޓަރު އަހުމަދު ތަސްމީން އަލީގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ތަސްމީނާ ދެކޮޅަށް ރާމިޒު ދައުވާކުރެއްވީ މުއްދަތުގެ ތެރޭގައި އެ ފައިސާ ދައްކަވާފައި ނުވާތީ އެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ރާމިޒުގެ އަތުން ޖޫން 9، 2012 ގައި އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ފައިސާ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ތަސްމީން ދައްކަވާފައިނުވާ ކަމަށެވެ. އޭގެ އިތުރުން ފައިސާ އަނބުރާ ނުދެއްކެވިއްޖެ ނަމަ، ސްޓޭޓް ބޭންކް އޮފް އިންޑިއާގައި އޮތް ތަމްސީމްގެ އެކައުންޓަކުން ނެގޭ ގޮތަށް ދިން ޗެކަށް ވެސް ފައިސާ ލިބިފައި ނުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ފައިސާ ހޯދަން އެކި ގޮތްގޮތުން ރާމިޒު ކުރެއްވި މަސައްކަތުން އެދެވޭ ޖަވާބެއް ތަސްމީންގެ ފަރާތްޕުޅުން ނުލިބޭ ކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ރާމިޒު އަތުން ނެންގެވި ލޯނުގެ ފައިސާގެ އިތުރުން ވަކީލުންގެ ފީ ކަމަށް ވާ 30،000ރ ދައްކަވަން ތަސްމީނަށް ކޯޓުން ދިނީ އެއް މަސް ދުވަހުގެ މުއްދަތެވެ.
ރާމިޒާއި ތަސްމީނަކީ ޑީއާރުޕީގައި އެކުގައި މަސައްކަތްކުރެއްވި ދެ ބޭފުޅުންނެވެ. ޕާޓީތަކުން އާންމު އިންތިޚާބުގައި ވާދަކުރަން ފެށި ފަހުން ބޭއްވި ފުރަތަމަ އިންތިޚާބުގައި، 2009 ވަނަ އަހަރު، ގއ. ވިލިނގިލީ ދާއިރާ އަށް ރާމިޒު ހޮވިވަޑައިގަތީ ވެސް ޑީއާރުޕީގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.