ލޮއެ ނަރު ވަގަށް ނަގާ މައްސަލަ ބޮޑުވެފައި ވާތީ އެކަން ހައްލުކުރުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ކެބިނެޓުގައި މަޝްވަރާކޮށްފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ނިންމެވި ބައެއް ކަންކަމުގެ މައުލޫމާތު ރައީސް އޮފީހުން ހާމަކޮށްފައި ވާއިރު، އޭގައި ވަނީ  "ބޮޑު އަގުގައި އެކްސްޕޯޓްކުރުމަށްޓަކައި، ތަންތަނުގައި އަޅާފައި ހުންނަ ކޮޕަ ވަޔަރުތައް ބުރިކޮށްގެން ވަގަށް ގެންދާ މައްސަލަ ބޮޑުވެފައިވާތީ" އެކަމަށް ހައްލު ހޯދަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. 

ނަމަވެސް މި މައްސަލަ ހައްލުކުރުމަށް އަޅަން ނިންމެވި ފިޔަވަޅުތަކެއް އަދި އެކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. 

ކަރަންޓު ދިނުމަށް ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރުތަކުންނާއި އިމާރާތްތަކާއި މަގުމަތީ އަޅާފައި ހުންނަ ކޭބަލްތަކުގެ އިތުރުން އެއާ ކަންޑިޝަންގެ އައުޓްޑޯ ޔުނިޓުތަކާއި އެއާ ގުޅާފައި ހުންނަ ލޮއެ ހޮޅިތައް ވަގަށް ނެގުން ވެސް ވަނީ އާންމުވެފަ އެވެ. 

މިފަދަ މައްސަލަތަކާ ގުޅިގެން އެތައް ބަޔަކު ހައްޔަރުކޮށްފައި ވާއިރު މިދިޔަ އަހަރު ވަނީ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް މީހަކު ކަރަންޓުގައި ޖެހިގެން މަރު ވެސް ވެފަ އެވެ.  

މިގޮތަށް ވަގަށް ނަގާ ތަކެތި އާންމުކޮށް ގަންނަނީ ބާދަގަނޑު އެކްސްޕޯޓްކުރުމުގެ މަސައްކަތްކުރާ މީހުންނެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން، މަސްތުވާތަކެތި ގަތުމަށް ފައިސާ ހޯދާ ވަސީލަތަކަށް ވެސް މިކަން ވަނީ ހަދައިފަ އެވެ.