މަލްސާ މުޖްތަބާ (މަލް) އަށް އޮންނަ އެއް ޔަގީން ކަމަކީ މި އެވެ؛ ރަނގަޅަށް ކިޔަވައިފި ނަމަ، ނަތީޖާ ވަރަށް ރަނގަޅު ވާނެ ކަމެވެ.
ނ. ވެލިދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުން އޯލެވެލް ނިންމުމަށް ފަހު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި އޭލެވެލް ކިޔަވަން ފެށިއިރު ވެސް އޭނާ އަށް އެ ޔަގީންކަން އޮތެވެ. މަލް އޭލެވެލްގައި ވަރަށް ގަދައަށް ކިޔެވި އެވެ. އޭގެ ނަތީޖާ އެހާމެ ފޮންޏެވެ.
އޭލެވެލްގައި ޓްރެވަލް އެންޑް ޓޫރިޒަމުން ދުނިޔެއިން އަށް ވަނަ އާއި ކޮމާސްއިން މުޅި ދުނިޔެއިން ހަތަރު ވަނަ އޭނާ ހޯދި އެވެ. އަދި އޭނާ އޭލެވެލް ނިންމާލީ ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން ރާއްޖޭގެ އެއްވަނަ ހާސިލްކޮށްގެންނެވެ.
އޭލެވެލް އަށް ތައްޔާރުވީ ކިހިނެއް؟
ގަވައިދުން ފިލާވަޅު ދަސްކޮށް، ނޭނގޭ އެއްޗެއް އޮތް ނަމަ އަހައި އޮޅުންފިލުވަން ފެށީ ޓީޗަރުން ކައިރިން. ދެން އަމިއްލަ އަށް ނޯޓްސް ތައްޔާރުކުރިން.
ދެން އަޅުގަނޑު ކުރަން ފެށި ކަމަކީ އަމިއްލަ އަށް ދިރާސާ ކޮށްގެން ކަންކަން ބަލައި ކިޔަވަން ފެށުން. އެއީ ރަނގަޅު ނަތީޖާއެއް ހޯދުމަށް ވަރަށް ބޮޑު ކުރިއެރުމަކަށްވި.
މިފަދަ ނަތީޖާއެއް ލިބޭނެ ކަމަށް އެއްވެސް ވަރަކަށް ގަބޫލު ކުރެވުނުތަ؟ ލިބުނު ނަތީޖާއާ ދޭތެރޭ ދެކެނީ ކިހިނެއް؟
އަޅުގަނޑު އަބަދުވެސް ދުޢާ ކުރިން ރަނގަޅު ނަތީޖާއެއް ލިބޭތޯ. މަސައްކަތް ވެސް ކުރިން. އެކަމަކު އޭރު ވެސް އެކްސްޕެކްޓެއް ނުކުރަން ހުރިހާ މާއްދާއަކުން އޭ ސްޓާ ލިބޭނެ ކަމަކަށް.
ލިބުނު ނަތީޖާއަކީ އަޅުގަނޑު ކުރި ބުރަ މަސައްކަތާއެއްކޮށް ކުރި ދުޢާގެ ނަތީޖާ. ވަރަށް ވަރަށް ހިތްހަމަޖެހޭ ނަތީޖާއެއް.
އެހެން ދަރިވަރުންނަށް ދޭނެ ނަސޭހަތަކީ؟
އެންމެ މުހިންމު ކަމަކަށް ދުއާކުރާށޭ. ކޮންމެ ކަމަކަށް ވެސް އުންމީދުކޮށްފިއްޔާ ބޭނުންވާ ނަތީޖާ ހާސިލްވާނެ. ހިތްވަރާ އެކު ކުރިއަށްދާށޭ. ކިޔަވަން މަސައްކަތް ކުރުމުން އޭގެ ނަތީޖާ ވެސް ފެންނާނެ.
އޭ ލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށް ނޫސްތައް ކިޔައި ޔޫޓިއުބްގައި ހުންނަ ވީޑިއޯތައް ބެލުން ކަހަލަ ކަންކަން ކުރާށޭ.