ދިގުދެމިގެންގެން ގޮސްފައިވާ ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ފަދަ އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު، އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން ލިބިފައިވާ ކަމަށާއި މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ އަލުން ހަމަލާތައް ދޭން ފަށާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ډޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.
ރިޔާސީ މަތިންދާބޯޓު "އެއާ ފޯސް ވަން" ގައި، ސުލްހައިގެ މަޝްވަރާތަކުން ކުރިއެރުމެއް ލިބިދާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ވިދާޅުވީ ކެތްތެރިކަން އިސްކުރަމުން އަންނަ ކަމަށާއި ކަންތައްތައް ވެގެންދާ ގޮތް ބަލަން ބޭނުންވާ ކަމަށެވެ. އަދި ރަނގަޅު ނަތީޖާއެއް ނުކުތުމުގެ ފުރުސަތު ބޮޑު ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ކަންކަން ސުލްހަވެރިކޮށް ނުނިމިއްޖެ ނަމަ، މީގެ ދެ ދުވަސް ކުރިން އަޅުގަނޑުމެން ކުރަމުންދިޔަ ކަންތައް [ހަމަލާދިނުން] އަލުން ފަށާނަން،" ޓްރަމްޕް ވިދާޅުވި އެވެ.
ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލަން ހެދި އެއްބަސްވުން ރޫޅި، އެމެރިކާއިން 13 ރޭ ވަންދެން ދިން ވަރުގަދަ ހަމަލާތަކަށް ފަހު، ފާއިތުވި ތިން ދުވަހު ދެފަރާތުން ވެސް ހަމަލާތައް ވަނީ މެދުކަނޑާލައިފަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނުގެ ވެރިން ވަނީ ބައްދަލުކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި އީރާނުން ބައްދަލުކުރަން ބޭނުންވާ ހަމައެކަނި ސަބަބަކީ އެމެރިކާއިން އެ ގައުމަށް ވަރުގަދަ ހަމަލާތަކެއް ދެމުންދިއުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އީރާނުން ވަނީ ސީދާ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ. އީރާނުން ބުނީ މެދުވެރިންގެ ފަރާތުން އެމެރިކާގެ މެސެޖުތައް ލިބެމުންދާ ކަމަށެވެ.
ހަމަލާތައް މެދުކަނޑާލުމުން ދުނިޔޭގެ މާލީ ބާޒާރުތަކަށް ކުޑަ އުފަލެއް ލިބުނު ނަމަވެސް، މަސްރަހު އަދިވެސް އޮތީ ވަރަށް ނާޒުކު ކޮށެވެ. ސައުދީ އަރަބިއްޔާއިން ހޯމަ ދުވަހު ބުނި ގޮތުގައި އިރާގުގައި ތިބޭ، އީރާނާ ގުޅުންހުރި ޖަމާއަތްތަކުން ޑްރޯން ހަމަލާތަކެއް ވަނީ ދީފަ އެވެ. މީގެއިތުރުން، ޔަމަނުގެ ހޫތީން ވަނީ ސައުދީގެ ތެލުގެ ވަސީލަތްތަކަށް ހަމަލާދީފައިވާ ކަމަށް ވެސް ބުންޏެވެ.
ޓްރަމްޕު ވަނީ ފަސް މަސް ދުވަހުގެ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރުގެ ރިޒާވް ހުސްވަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ވެސް ދޮގުކުރައްވައިފަ އެވެ.
"އަޅުގަނޑުމެންގެ އަތުގައި ވަރަށް ގިނަ ހަތިޔާރު އެބަހުރި. ކޮންމެ ފަދަ ހާލަތެއް އައި ނަމަވެސް ބޭނުންކުރެވޭވަރަށް ވުރެ ގިނައިން މެދުފަންތީގެ ހަތިޔާރުވެސް އެބަހުރި،" ޓްރަމްޕް ވިދާޅުވި އެވެ.
ނަމަވެސް، އިތުރު ރިޒާވެއް އޮތުމަށް އެދޭކަން ފާހަގަކުރައްވައި، އޭނާ ވަނީ ރަޝިޔާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ޔޫކްރޭނަށް މާ ގިނައިން ހަތިޔާރު ދީފައިވާ ކަމަށް ވިދާޅުވެ ޝަކުވާ ކުރައްވައިފަ އެވެ.
އިޒްރޭލާ އެކު ގުޅުން ގާއިމުކުރުމަށް އެމެރިކާއިން އިސްނަގައިގެން ކުރިއަށްދާ "އަބްރަހަމް އެކޯޑްސް" ގައި ސައުދީ އަރަބިއްޔާއިން ބައިވެރިވުމާ ބެހޭގޮތުން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އެކަމާ ގުޅޭގޮތުން އަދި މަޝްވަރާ ނުކުރެވޭ ކަމަށެވެ.
ހާރިޖީ ސިޔާސަތާ ގުޅޭގޮތުން ކުރި އެހެން ސުވާލުތަކުގެ ތެރޭގައި، ވެނެޒުއޭލާއިން ހިފަހައްޓާފައިވާ ފައިސާއަށް ވާނީ ކިހިނެއްތޯ ސުވާލުކުރުމުން، އެ ފައިސާ އެމެރިކާގެ އަސްކަރިއްޔާއަށް ބޭނުންކުރެވިދާނެ ކަމަށާއި، އީރާނުގެ އަތުން ވެސް އެގޮތަށް ފައިސާ ހޯދިދާނެ ކަމަށް ޓްރަމްޕް އިޝާރާތްކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ބިލިއަން ބިލިއަން ޑޮލަރު ލިބެމުން އެބަދޭ. އީރާނާއެކު ވެސް ވެގެންދާނީ އެހެން،" އޭނާ ވިދާޅުވި އެވެ.