މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާއަށް އީރާނުން ހުށަހެޅި ކަންކަން ބަލައި ނުގަނެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވި ނަމަވެސް އީރާނުން ހުށަހެޅިހާ ވެސް ކަމަކީ ހަނގުރާމަ އެއްކޮށް ހުއްޓާލުމާއި އެމެރިކާއިން ހިފަހައްޓާފައިވާ އީރާންގެ ފައިސާ ދޫކުރުން ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ. 

"އެއްވެސް ކަމެއްގައި ދޫދިނުމަކަށް އަހަރެމެން ނޭދެން. އަހަރެމެން އެދުނުހާ ވެސް ކަމަކީ އީރާނުގެ ގާނޫނީ ހައްގުތައް ހޯދުން،" ހަފުތާއަކު އެއްފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ ހުށަހެޅުންތަކުގެ ތެރޭގައި "ސަރަހައްދުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމާއި" އެމެރިކާގެ ކަނޑުގެ ބްލޮކޭޑް  ނިމުމަކަށް ގެނައުމާއި، އަދި "އަހަރުތަކެއް ވަންދެން ބޭރުގެ ބޭންކުތަކުގައި ނާއިންސާފުން ހިފަހައްޓާފައިވާ އީރާނު ރައްޔިތުންގެ މިލްކިއްޔާތުގައިވާ ފައިސާ ދޫކޮށްލުން" ހިމެނެ އެވެ.

ޓްރަމްޕު ވަނީ  ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި ޝަރުތުތަކަކީ "ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން" ކަމަށް ވިދާޅުވެ، އެ ހުށަހެޅުންތަކަށް ދެކޮޅުހައްދަވައިފަ އެވެ. 

 އީރާނުން އެމެރިކާގެ ސުލްހައިގެ ހުށަހެޅުމަށް ދިން ޖަވާބުގައި ވަނީ އެމެރިކާއިން އަލަށް ދޭ ކޮންމެ ހަމަލާއަކަށް ރައްދުދޭނެ ކަމަށާއި ހޮރްމޫޒް ކަނޑުއޮޅިއަށް ބޭރުގެ އިތުރު ހަނގުރާމަމަތީ އުޅަނދުތައް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. 

 "މެދުވެރިން ކަމަށް ބުނާ ފަރާތްތައް މެދުވެރިކޮށް އީރާނުން ފޮނުވި ހުށަހެޅުން ކިޔައިފިން. އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ އެއްޗެއް ނޫން. އަހަންނަށް އެ ކަމަކު ނުދޭ،" ޓްރަމްޕު ލިޔުއްވާފައިވެ އެވެ.

އަނެއްކޮޅުން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ އީރާނުން ދުވަހަކު ވެސް ދުޝްމަނުންގެ ކުރިމަތީގައި ދޫ ނުދޭނެ ކަމަށާއި، މަޝްވަރާ ކުރުމުގެ މާނައަކީ އަމާން ދިނުން ނޫން ކަމަށް ވިދާޅުވެފަ އެވެ.

"ދުޝްމަނުންނަށް އީރާނުން ދުވަހަކު ވެސް ބޮލެއް ނުލަނބާނަން. އަދި ވާހަކަތަކެއް ދެކެވުނަސް ނުވަތަ މަޝްވަރާއެއް ކުރިއަށް ދިޔަ ނަމަވެސް އެއީ އަމާންދިނުން ނުވަތަ ފަހަތަށް ޖެހުމެއް ވެސް ނޫން،" އީރާންގެ ރައީސް އެކްސްގައި ލިޔުއްވާފައިވެ އެވެ.  

 ހުށަހެޅުމާ ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ބުނި ގޮތުގައި، އީރާނުން ވަނީ އެ ގައުމުގެ އަމިއްލަ ޝަރުތުތަކެއް އެމެރިކާއަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އެ ގައުމުގައި ހުރި މަތީ މިންވަރަކަށް ފައްކާކޮށްފައިވާ ޔުރޭނިއަމްގެ ބައެއް "ޑައިލޫޓް" ކުރުމަށާއި ބާކީ ހުރި ތަކެތި ތިންވަނަ ގައުމަކަށް ބަދަލުކުރުން ހިމެނެ އެވެ. އަދި ސުލްހައިގެ އެއްބަސްވުން ނާކާމިޔާބު ވެއްޖެ ނަމަ ނުވަތަ އެމެރިކާއިން އެއްބަސްވުމަށް އިހްތިރާމް ނުކޮށްފި ނަމަ އެ ޔުރޭނިއަމް އަނބުރާ އީރާނާ ހަވާލުކުރުން ވެސް ހިމެނެ އެވެ.