އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާދެމެދު އޮތް ގާތްގުޅުން ތަހުގީގުކުރުމަށް ހުށަހަޅާފައިވާ މައްސަލައަށް އިންފަންޓީނޯ އެއްބާރުލުން ނުދޭކަން ހާމަވެއްޖެ އެވެ.
ކޮންގްރެސްގެ ޖުޑިޝަރީ ކޮމިޓީއަށް، ޑިމޮކްރެޓިކް ޕާޓީން ޖޫލައި މަހު ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ކޮމިޓީއަށް އިންފަންޓީނޯ ހާޒިރު ކުރުމަށެވެ. އަދި ޓްރަމްޕްގެ އާއިލާއަށް ފީފާ މެދުވެރިކޮށް ދިން ޕްރޮޖެކްޓްތަކުގެ މައްސަލަ ސާފު ކުރުމަށް ވެސް އެދުނެވެ.
ނޮބެލް ޕީސް ޕްރައިޒް ޓްރަމްޕަށް ލިބިވަޑައި ނަުގަތުމުން، އިންފަންޓީނޯ ވަނީ ފީފާ ޕީސް ޕްރައިޒްގެ ނަމުގައި އެވޯޑެއް ތައާރަފްކޮށް އެ އެވޯޑް ޓްރަމްޕަށް އަރުވާފަ އެވެ. އެ ނިންމުމުގެ މައުލޫމާތުތައް ވެސް ލިޔުމުން ކޮމިޓީއަށް ފޮނުވުމަށް ވެސް އެދިފައިވެ އެވެ.
އެ ކޮމީޓީގެ ޑިމޮކްރެޓިކް މެންބަރުން ބުނިގޮތުގައި ކޮމިޓީއަށް ހާޒިރުވުމަށާއި ކޮމިޓީގެ މެންބަރުން އެދުނު ލިޔުންތައް ފޮނުވައި ދިނުމަށް އިންފަންޓީނޯގެ ކިބައިން އެދުނު ނަމަވެސް އޭނާގެ ފަރާތުން އެކަމަށް އިޖާބައެއް ނުދިނެވެ.
ޑިމޮކްރެޓިކް ޕާޓީގެ މެންބަރު ޖޭމީ ރާސްކިން ޖުލައި 26 ގައި އިންފަންޓީނޯއަށް ފޮނުވި ސިޓީގައި އެދިފައި ވަނީ ޓްރަމްޕްގެ ރުހުން ހޯދުމަށް ފީފާއިން ހިންގި "ކެމްޕޭނާ" ގުޅޭގޮތުން ޖުޑިޝަރީ ކޮމިޓީން ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ލިޔުންތައް މިދިޔަ މަހު ނުވަވަނަ ދުވަހުގެ ނިޔަލަށް ފޮނުވައިދިނުމަށް ސިޓީގައި އެދިފައިވާނެ ކަމަށް ޑިމޮކްރެޓިކް އޮފީޝަލަކު ބުންޏެވެ.
މައްސަލައިގެ ތަހުގީގަށް އިތުރު މައުލޫމާތު ހޯދުމަށް އިންފަންޓީނޯއާ އެކު އިންޓަވިއުއެއް ކުރިއަށްގެންދެވޭނެ ތާރީހެއް އަންގައި ދިނުމަށް ވެސް އެދިފައިވެ އެވެ.
ނަމަވެސް، އެ މައުލުމާތު އޭނާ ފޮނުވާފައި ނުވެ އެވެ.
ކޯޓް އަމުރެއް ނެތުމުން އެ މައުލޫމާތުތައް އިންފަންޓީނޯ ނުފޮނުވިޔަސް އޭނާ އަށް ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅެއް ނޯންނާނެ އެވެ.
"ފީފާގެ ރިޝްވަތުގެ މައްސަލައާ ގުޅޭ ގާނޫނީ ކަންކަމުގެ މައުލޫމާތު ކޮމިޓީގެ މުވައްޒަފުންނަށް ދީފައިވީ ނަމަވެސް ކޮމިޓީން އެދިފައިވާ މުހިންމު އެއްވެސް ލިޔެކިޔުމެއް ފީފާއިން މިހާތަނަށް ހަވާލެއް ނުކުރޭ،" ޑިމޮކްރެޓިކް މެންބަރުންގެ ތަރުޖަމާނު ބުންޏެވެ.
"އޭގެ ތެރޭގައި ފީފާއިން ޓްރަމްޕުގެ އާއިލާއަށް ދީފައިވާ ފައިސާގެ އަދަދުތައް އެނގޭނެ ލިޔެކިޔުންތަކާއި ފީފާ ޕީސް ޕްރައިޒް ދިން ގޮތާ މެދު ކުރެވޭ މުހިންމު ސުވާލުތަކުގެ ޖަވާބު، އަދި ކުޝްނާ އިންފަންޓީނޯ ގުޅިގެން ވޯލްޑް ކަޕްގެ ވިޔަފާރީގެ ބައި ވިއްކާލަން އުޅުނު ރޭވުން ރޭވުނު ގޮތުގެ ތަފްސީލު ހިމެނެ. އެކަމަކު މިހާތަނަށް ފީފާއިން ދީފައިވާ އެއްބާރުލުމަކީ ވަރަށް ކުޑަ."