ވ. ތިނަދޫގައި ބަނދަރުގައި އޮތް ލޯންޗެއްގައި މިއަދު ހެނދުނު އަލިފާން ރޯވެ ލޯންޗުގެ ކެޕްޓަން ފިހިއްޖެ އެވެ.

ތިނަދޫ ކައުންސިލް މެމްބަރު އަހުމަދު ނަސީމް "މިހާރު" އަށް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ ހެނދުނު 7:45 އެހާކަން ހާ އިރު ކަމަށެވެ. އެ ލޯންޗުގައި ރޯވި އިރު އޭގައި ހުރީ، އުމުރުން ބާވީހަކަށް އަހަރުގެ ކެޕްޓަން އެކަނި ކަމަށާއި އޭނާގެ ފައި ފިހުމުން އިތުރު ފަރުވާ ދޭން ފެލިދޫ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވިދާޅުވި އެވެ. އެއީ ބ. ތުޅާދޫ މީހެއް ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

"ވަރަށް ބާރު އަޑެއް އިވުނީ، އެއްޗެއް ގޮވި ކަހަލަ ގޮތަކަށް. ލޯންޗުގެ ބެޓެރީ ގޮވި ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ އަލިފާން ރޯވި ވަގުތު އޭނާ ބަނދަރަށް ވަޑައިގެންނެވި ކަމަށާއި އެކަން ރިޕޯޓްކުރިތާ ބައި ގަޑިއިރެއްހާ އިރު ފުލުހުން އެ ސަރަހައްދަށް ދިޔަ ކަމަށެވެ. އެ ހާދިސާގައި އިތުރު މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ބޭނުންނުކުރެވޭ ވަރަށް ލޯންޗަށް ގެއްލުން ލިބުނު ކަމަށާއި ލޯންޗު ވެސް އަޑިއަށް ގޮސްފައިވާ ކަމަށެވެ.