ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން، އަރަބި އިސްލާމީ ގައުމުތަކާ އެކު ގުޅުން ބަދަހިކުރުމުގެ ފައިދާ ދިވެހި ގައުމާއި ރައްޔިތުންނަށް ލިބެމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ވަގުފު ފަންޑަށް ފައިސާ ހޯދުމަށް، މާފަންނު މަދަރުސާއާ ޖެހިގެން އޮންނަ ބިމުގައި އިމާރާތްކުރި ނުވަ ބުރީގެ އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަޒްލީން ވިދާޅުވީ، ވަގުފް ބިލްޑިންގް އަކީ އިގްތިސާދީ ގޮތުން ރާއްޖެ އަށް ބޮޑެތި ފައިދާތަކެއް ކުރާނެ އިމާރާތެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި މިފަދަ ގިނަ އިމާރާތްތަކަކާ އެކު ރާއްޖޭގެ އިސްލާމީ ޝިއާރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގުދުރަތީ ވަސީލަތްތަކުން މުއްސަނދިކަން ލިބިފައިވާ އަރަބި އިސްލާމީ ގައުމުތަކާ ދިމާއަށް ރާއްޖެ އިން މިސްރާބު ޖަހާފައި ވަނީ ސަބަބުތަކަކާ ހެދި އެވެ. އިސްލާމީ މަތިވެރި އުސޫލްތައް ދަމަހައްޓާ އަރަބި ގައުމުތަކާ އެކު ގުޅުން ބަދަހިކުރުމުން ރާއްޖެ އަށް ކުރިއެރުން ލިބެމުން އަންނަ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އަރަބި ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ ފައިދާ ރާއްޖޭގެ އިގްތިސާދުގެ ތެރެއިން ވެސް އަންނަނީ ފެންނަމުންނެވެ.
"ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ ރާއްޖޭގައި ހުރި ވަސީލަތްތަކުން އެކަނި ތަރައްގީއެއް ނުގެނެވޭނެކަން. ދުނިޔޭގެ ނިސްބަތުން އިގްތިސާދީ ވަސީލަތްތައް ބެހިފައިވާ ގޮތާއި އިގްތިސާދީ ގޮތުން ކުރިއަށް އޮތް އަހަރުތަކުގައި މުޅި ދުނިޔޭގެ މައްޗަށް ނުފޫޒުގަދަވާނެ ގައުމުތަކަކީ ކޮބައިކަން ވެސް ސާފުކޮށް އެނގިވަޑައިގަންނަވާ. އެހެންވެ އެމަނިކުފާނު މިސްރާބު ޖެއްސެވީ އަރަބި ގައުމުތާކައި އިރުމައްޗާ ދިމާއަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ ރާއްޖެ އަށް އަބަދު ފުރައްސާރަކުރާ ހުޅަނގާ ދިމާލަށް މިސްރާބު ޖަހައިގެން ކުރިމަތިވި ގޮންޖެހުންތައް ވެސް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކާ އެކު އޮންނަ ގުޅުމަށް ވެސް އެއްވެސް ހީނަރުކަމެއް މި ސަރުކާރުން އަޔަނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަގުފް އިމާރާތުން ލިބޭ ފައިސާ ހޭދަކުރަން ހަމަޖައްސާފައި ވަނީ މިސްކިތްތައް އިމާރާތްކުރުމަށާއި އެތަންތަން މަރާމާތުކުރުމަށެވެ. މި ބިލްޑިންގް ކުއްޔަށް ދީގެން އަހަރެއްގެ މައްޗަށް ވަގުފު ފަންޑަށް 5.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.