ރާއްޖޭގައި ވެރިކަން ކުރައްވާ ރައީސުންނަށް ގައުމު ހިންގަން އުނދަގޫ ކުރާ ނަމަ އެއީ ގައުމީ ބޮޑު ކުށެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސަކަށް ހުންނަވާ ބޭފުޅަކަށް އުނދަގޫ ކުރާ ނަމަ އެ ކުރަނީ ގޯސް އަމަލެއް ކަމަށެވެ.

އިނގިރޭސި ވިލާތުގައި ތިއްބެވި ސިޔާސީ ލީޑަރުންނަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވަނީ ގައުމު ހިންގަން އުނދަގޫ ނުކޮށް ތައުލީމް އުނގެނިގެން ހެޔޮ މަގަށް ރުޖޫއަވުމަށް ގޮވާލައްވައިފަ އެވެ.

މިނިސްޓަރުގެ ވާހަކައިގައި އެ އިޝާރާތް ކުރެއްވީ މިހާރު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދަށާއި، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމަށެވެ.

"އިނގިރޭސި ވިލާތުގައި ތިއްބަވާ އަދި އެ ނޫން ތަނެއްގައި ތިއްބަވައިގެން ވެސް ރައީސް ގައުމު ހިންގަވާ ގޮތަށް އުނދަގޫކުރައްވާ ކަމަށް ވާނަމަ އަޅުގަނޑު ދަންނަވާނީ ދީނީ ގޮތުން ވެސް ފުރަތަމަ ގެނެސްދެއްވި ބަހަކީ އިގްރައު އުނގެނޭށޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އައިއެންއައިއޭ އަށް ރާއްޖޭގެ ތާރީހުގައި ގެނެވޭ އެންމެ ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތާ ކުރިމަތިލެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އަދި މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމެން ވާ އިރަށް ދުނިޔޭގެ ފެންވަރުގެ އެއާޕޯޓަކަށް ބަދަލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.