އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ރަސްމީ ގެކޮޅަށް އެ މަނިކުފާނުގެ މަންމާފުޅު އިއްޔެ ޒިޔާރަތް ކުރެއްވުމުން މޯދީ އިހްތިރާމް އަދާކުރެއްވި ގޮތުން ގިނަ ބައެއްގެ ތައުރީފް ލިބިއްޖެ އެވެ.
މޯދީގެ މަންމާފުޅު އުމުރުން 95 އަހަރުގެ ހީރަބެން މޯދީ، ރޭސް ކޯސް ރޯޑް (އާރުސީއާރު) އަށް ކުރެއްވި ޒިޔާރަތުގެ ބައެއް ފޮޓޯތައް މޯދީ ވަނީ ޓްވީޓްކުރައްވައިފަ އެވެ. މޯދީގެ މަންމާފުޅު ދިރިއުޅުއްވަނީ ގުޖުރާތުގައި އެކަމަނާގެ އާއިލީ ގެކޮޅުގަ އެވެ. މިއީ މޯދީގެ ރަސްމީ ގެކޮޅަށް ހީރަބެން ކުރެއްވި ފުރަތަމަ ޒިޔާރަތެވެ.
މޯދީގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ "ގިނަ ދުވަސްތަކަކަށް ފަހު މަންމައާ އެކު އުފާވެރިކަމުގެ ވަގުތުކޮޅެއް ހޭދަކުރެވިއްޖެ" ކަމަށެވެ.
އިންޑިއާގެ ބޮޑު ވަޒީރުކަމުގެ މަގާމަށް މޯދީ ،65، ވަޑައިގެންނެވީ މެއި، 2014 ގަ އެވެ.
ޓްވިޓާގައި ގިނަ ބަޔަކު ވަނީ މޯދީގެ ގެކޮޅަށް މަންމާފުޅު ގެންނަވައި އިހްތިރާމް އަދާކުރެއްވި ގޮތުން މޯދީ އަށް ތައުރީފް ކުރައްވައިފަ އެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިންނެވި މަންމަ ގޮވައިގެން ގެކޮޅުގެ ބަގީޗާގައި ހިންގަވާ މަންޒަރު މޯދީ ވަނީ ޓްވީޓް ކުރައްވައިފަ އެވެ. އަދި މަންމަ އަށް ބުއިމެއް ދެއްވާ މަންޒަރު ވެސް ވަނީ ޓްވީޓް ކުރައްވައިފަ އެވެ.