ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާއަށް ފަހު އިޒްރޭލާ އެކު އިންޑިއާ ސާބިތުކަންމަތީ އެބަ އޮތް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
އިޒްރޭލަށް މިހާރު ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވައި އަދި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް ނެސެޓުގައި ތަގުރީރުކޮށް މޯދީ ވަނީ ދިފާއީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ މަޝްވަރާތައް ކުރައްވައިފަ އެވެ. އެކަމަކު މިއީ އިންޑިއާގައި މޯދީއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ.
"އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން އަނިޔާވެރި ޓެރަރިސްޓް ހަމަލާގައި މަރުވި ކޮންމެ މީހަކަށް، ދިރިއުޅުން ސުންނާފަތި ވެގެން ދިޔަ ކޮންމެ އާއިލާއަކަށް އިންޑިއާގެ ރައްޔިތުންގެ ފަރާތުން ތައުޒިޔާ ކިޔަން،" ނެސެޓުގައި މޯދީ ވިދާޅުވި އެވެ.
"އިޒްރޭލުގެ ހިތާމަ އިހްސާސްކުރެވޭ. އިޒްރޭލުގެ ހިތްދަތިކަމުގައި ބައިވެރިވަން. މިހާރު ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް އިޒްރޭލާ އެކު ސާބިތުކަމުގައި ދެމި އޮންނާނަން."
މޯދީގެ ތަގުރީރުގައި، އިޒްރޭލުން މަރުވި މީހުންގެ ވާހަކަ ގެނެސް ހިތާމަ ފާޅުކުރެއްވި ނަމަވެސް ދެ އަހަރު ވަންދެން އިޒްރޭލުން ދިން ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި 75،000 އަށް ވުރެ ގިނަ މީހުންގެ ވާހަކަ އެއްވެސް ވަރަކަށް ނުދައްކަވަ އެވެ.
އޭގެ ބަދަލުގައި ވިދާޅުވީ ދާއިމީ ސުލްހަޔާއި ސަރަހައްދުގެ ހަމަޖެހުން ގާއިމުކުރުމަށް ކުރާ ކޮންމެ ކަމަކަށް އިންޑިއާގެ ތާއީދު އޮންނާނެ ކަމަށެވެ.
މޯދީ ވިދާޅުވި ގޮތުގައި އިންޑިއާ އަކީ އިގްތިސާދީ ގޮތުން ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ގައުމަކަށް ވާއިރު އަދި އިޒްރޭލުން ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތައް ހޯދަމުން އަންނައިރު މިއީ ގުޅިގެން ކުރިއަށްދިއުމަށް އޮތް "ގުދުރަތީ ބިންގަލެއް" ކަމަށް ވަނީ ވެފަ އެވެ.
މިއީ މޯދީ 2014 ވަނަ އަހަރު ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަތް ފަހުން އިޒްރޭލަށް ކުރެއްވި ދެ ވަނަ ދަތުރެވެ. މި ދަތުރުގައި މޯދީއަށް އިޒްރޭލުން ރަތް ދޫލައިގެ މަރުހަބާ ކިޔާފައި ވާއިރު އިޒްރޭލުގެ ނެސެޓުން ވަނީ "ސްޕީކާ އޮފް ދަ ނެސެޓް" މެޑަލް މޯދީއަށް އަރުވައިފަ އެވެ.
މޯދީގެ ދަތުރަށް އިންޑިއާގައި ސިޔާސީ އިދިކޮޅު ފަރާތްތަކުން ގެންދަނީ ފާޑުކިޔަމުންނެވެ.
އިދިކޮޅު ލީޑަރު ރާހުލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަދި ކޮންގްރެސް ޕާޓީގެ އިސް ލީޑަރު ޕްރިޔަންކާ ގާންދީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާއިރު އިޒްރޭލުން ޣައްޒާގައި ޝަހީދުކުރި، ކުށެއް ނެތް އެތައް ހާސް ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންގެ ވާހަކަ ދައްކަވާނެ އުންމީދުކުރެއްވި ކަމަށެވެ.
އެންމެ ބޮޑު އާބާދީ ކަމަށްވާ އިންޑިއާގައި 1.4 ބިލިއަން މީހުން އުޅޭއިރު އަޣުލަބިއްޔަތު އޮތީ ހިންދޫންނަށެވެ. އެކަމަކު އެ ގައުމުގައި 220 މިލިއަން މުސްލިމުން އުޅޭ ކަމަށް އަންދާޒާކުރެވެ އެވެ.
އިޒްރޭލުގެ ހައިފާ ބަނދަރު ހިންގަމުން އަންނަނީ އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އަދާނީ ގްރޫޕުންނެވެ. އަދި މިދިޔަ އަހަރު މެއި މަހު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ހަނގުރާމައިގައި އިޒްރޭލުގެ އަސްކަރީ ޑްރޯން ޓެކްނޮލޮޖީ ވަރަށް މުހިންމު ދައުރެއް އަދާކުރި އެވެ.