ތެލް އަވީވް (ޖުލައި 4) - އިޒްރޭލަށް ވަޑައިގެންނެވި އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރުގެ ޝަރަފް ނަރެންދުރަ މޯދީ ހޯއްދަވައިފި އެވެ.
ތެލް އަވީވުގެ ބެން ގުރިއޮން އެއާޕޯޓުން މޯދީ އަށް މިއަދު ހަވީރު މަރުހަބާ ވިދާޅުވީ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެންނެވި ވަރުގެ މަރުހަބާއެއް މޯދީ އަށް ވެސް ވަނީ ދަންނަވައިފަ އެވެ.
އެއާޕޯޓުގައި ވާހަކަ ދައްކަވަމުން މޯދީ ވަނީ އެ މަނިކުފާނަށް ދެންނެވި ހޫނު މަރުހަބާ އަށް އިޒްރޭލް ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އިޒްރޭލަށް ވަޑައިގެންނެވި އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރަށް ވުމަކީ ލިބިވަޑައިގެންނެވި ބޮޑު ޝަރަފެއް ކަމަށް މޯދީ ވިދާޅުވި އެވެ. އެ މަނިކުފާނުގެ ތަގްރީރު ފެއްޓެވީ ހިބްރޫ ބަހުންނެވެ.
މޯދީ އަށް މަރުހަބާ ދެންވުމުގެ އިބާރާތްކޮޅު ނަތަންޔާހޫ ވިދާޅުވީ ހިންދީ ބަހުންނެވެ. ނަތަންޔާހޫ ވިދާޅުވީ އިންޑިއާގެ ސަގާފަތާއި ޑިމޮކްރެސީ އަށް އިޒްރޭލުން ވަރަށް ގަޔާވާ ކަމަށެވެ. އަދި އިންޑިއާގެ ބޮޑު ވަޒީރަކަށް އިންތިޒާރު ކުރާތާ 70 އަހަރު ވެއްޖެ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.
ކުރިއަށް އޮތް ތިން ދުވަހު ނަތަންޔާހޫ އާއި މޯދީ ތަފާތު ދާއިރާތަކުން މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ. އިޒްރޭލުގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅު މީހުންނާ މޯދީ މާދަމާ ބައްްދަލު ކުރައްވާނެ އެވެ. ނަތަންޔާހޫ އާއި މޯދީ ވަނީ ސެޕްޓެމްބަރު 2014 ގައި އދ.ގެ ޖެނެރަލް އެސެމްބްލީގެ ތެރޭން ނިއު ޔޯކުގައި ބައްދަލު ކުރައްވައިފަ އެވެ.
އިޒްރޭލަށް ވަޑައިގަންނަވާ ބޭރު ގައުމުތަކުގެ ވެރިން ފަލަސްތީނަށް ވަޑައިގެން، އެ ގައުމުގެ ވެރިންނާ އާއްމުކޮށް ބައްދަލު ކުރެއްވި ނަމަވެސް މޯދީގެ ދަތުރުފުޅުގައި ފަލަސްތީނަށް ވަޑައިގެންނެވުމަށް ހަމަޖެހިފައެއް ނުވެ އެވެ.
މިއީ މޯދީ އިޒްރޭލަށް ވަޑައިގެންނެވި ދެ ވަނަ ފަހަރެވެ. އެ މަނިކުފާން ވަނީ ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ހުންނެވި އިރު، 2006 ގައި އިޒްރޭލަށް ވަޑައިގެންފަ އެވެ.