ގުދުސްއާ މެދު މޯދީގެ ނިންމުމަށް ނަތަންޔާހޫ ހިތްހަމަނުޖެހިފައި

ނިއު ދިއްލީ (ޖެނުއަރީ 15) - ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިނުގަތުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ނިންމެވުމަކީ ހިތްހަމަ ނުޖެހުނު ކަމެއް ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.


ބޮޑު ވިޔަފާރި ވަފުދަކާ އެކު އިންޑިއާ އަށް އިއްޔެ ވަޑައިގެންނެވި ނަތަންޔާހޫ ވިދާޅުވީ މޯދީ އަކީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށެވެ. އެކަމަކު އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ނިންމި ނިންމުމާ ދެކޮޅަށް އދ.ގައި ވޯޓު ދިން 100 އަށް ވުރެ ގިނަ ގައުމުގެ ތެރޭގައި އިންޑިއާ ހިމެނުމުން އިޒްރޭލުން ކުރިން ވެސް ދިޔައީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. ނަތަންޔާހޫގެ ދަތުރަށް ވެސް ވަނީ އެކަމުގެ ހިޔަނި އެޅިފަ އެވެ.

"އިންޑިއާގެ އެ ނިންމުމަކީ އިޒްރޭލުން ހިތްހަމަނުޖެހުނު ކަމެއް. އެކަމަކު އިންޑިއާއާ އެކު އޮންނަ ގުޅުން މި ދަތުރުގެ ސަބަބުން އެތައް ތަނަކުން އިތުރުވެގެން ދާނެ،" އިންޑިއާ އަށް ވަޑައިގެން ނަތަންޔާހޫ ވިދާޅުވި އެވެ.

ނަތަންޔާހޫގެ ދަތުރުގެ ކުރިން އިންޑިއާ އިން ވަނީ އިޒްރޭލާ އެކު ގާއިމްކުރި 500 މިލިއަން ޑޮލަރުގެ އެންޓި-ޓޭންކް މިސައިލް އެއްބަސްވުން ކެންސަލް ކޮށްފަ އެވެ. އިޒްރޭލުން ކޮންމެ އަހަރަކު ވެސް އެއް ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު އިންޑިއާ އަށް ސަޕްލައި ކުރެ އެވެ.

ނަތަންޔާހޫ ވިދާޅުވީ އިންޑިއާ ދަތުރުގެ ސަބަބުން މިސައިލް އެއްބަސްވުން އަލުން ގާއިމް ކުރެވޭނެ ކަމަށެވެ.

ނަތަންޔާހޫ އަކީ ވޭތުވެދިޔަ 15 އަހަރު ތެރޭ އިންޑިއާ އަށް ވަޑައިގެންނެވި އިޒްރޭލުގެ ފުރަތަމަ ބޮޑު ވަޒީރެވެ.