އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރެއްގައި ބުދަ ދުވަހު އިޒްރޭލަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ބުނެފި އެވެ.
"އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަންނަވާނެ. މޯދީ ނެސެޓުގައި ތަގުރީރުކުރައްވާނެ. ތިޔަ ހުރިޙާ ބޭފުޅުން ވެސް އެތަނުގައި ތިއްބަވާނެ ކަމަށް އުންމީދުކުރަން،" ކެބިނެޓް ބައްދަލުވުން ފަށަމުން، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހަށް އިޝާރާތްކޮށް ނަތަންޔާހޫ ބުންޏެވެ.
ނަތަންޔާހޫ ވަނީ އިންޑިއާ އާއި އިޒްރޭލާ ދެމެދު ބަދަހިވަމުންދާ ގުޅުން ވަރަށް ރަނގަޅު ކަމަށް ފާހަގަކޮށްފަ އެވެ.
"މި ގުޅުމުގެ ފޭރާން ވަނީ ވަރުގަދަވެފައި. އަދި [މޯދީ] ވަޑައިގަތުމުން އެއަށް ވުރެ ވެސް ބޮޑަށް ވަރުދަގަވެގެން ދާނެ،" އިގްތިސާދީ، ޑިޕްލޮމެޓިކް އަދި ސަލާމަތީ ކަންކަމާ ގުޅުން ހުރި ދާއިރާތަކުން އިޒްރޭލާއި އިންޑިއާގެ ގުޅުން ވަރަށް ރަނގަޅުކަން ފާހަގަކުރަމުން ނަތަންޔާހޫ ބުންޏެވެ.
ބޮޑުވަޒީރުކަމުގައި މޯދީ މީގެ ކުރިން 2017 ވަނަ އަހަރު ވަނީ އިޒްރޭލަށް ވަޑައިގެންފަ އެވެ. އޭގެ ކުރީ އަހަރު ނަތަންޔާހޫ އިންޑިއާ އަށް ގޮސްފައިވެ އެވެ. -- އޭއެފްޕީ