ބޮލީވުޑް ބަތަލާ ޕްރީތީ ޒިންޓާ ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ކައިވެނިކޮށްފަ އެވެ. ޕްރީތީ ކައިވެނި ކުރީ ލޮސް އެންޖަލިސްގެ ޒުވާނެއް ކަމަށްވާ ޖީން ގުޑްއިނަފް އާއެވެ. ލޮސް އެންޖަލިސްގައި އޮތް މި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވީ ޕްރީތީގެ ގާތް އެކުވެރިންގެ ތެރެއިން ވަރަށް މަދު ބަޔަކާއި ދެފަރާތުގެ އާއިލާގެ މީހުންނެވެ.

ނަމަވެސް ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރި ނުވެވުނަސް އޭނާގެ ކައިވެނީގެ އުފަލުގައި ބޮލީވުޑްގައި ތިބި އެކުވެރިންނަށް ވެސް ޕްރީތީ ވަނީ ވަރަށް ޚާއްސަ ރިސެޕްޝަނެއް ބާއްވާފަ އެވެ.

މަނީޝް މަލްހޯތުރާ ތައްޔާރުކޮށްފައިވާ ވަރަށް ރީތި ރަތް ހެދުމެއްގައި ޕްރީތީ މި ހަފުލާއިން ފެނިގެން ދިޔައިރު ފިރިމީހާ ޖީން ވެސް ފެނިގެން ދިޔައީ ޕްރީތީއާ ހުރިހާ ގޮތަކުން ވެސް ވަރަށް ގުޅޭ މީހެއްގެ ގޮތުގަ އެވެ.

ޝާހްރުކް ޚާން، ކަރަން ޖޯހަރް، ސަލްމާން ޚާން ފަދަ ޕްރީތީގެ އެކުވެރި ހުރިހާ ފިލްމީ ތަރިންނާއި ޑައިރެކްޓަރުން އަދި އެނޫންވެސް ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ބަޔަކު މި ހަފުލާގައި ބައިވެރި ވެފައިވެ އެވެ.

ކައިވެނީގެ ޖާފަތެއް ބޭއްވުމަށްޓަކައި ޕްރީތީގެ ދެމަފިރިންނާއި ޖީންގެ މައިންބަފައިން މުމްބައި އަށް ގޮސްފައި ވަނީ ދާދިފަހުންނެވެ.