ތެހެރާން (ޖެނުއަރީ 29) - މުސްލިމް ބައެއް ގައުމުތަކުގެ މީހުންނާއި ސީރިއާގެ ރެފިއުޖީން އެމެރިކާ އަށް ވަނުން ރައީސް ޑޮނަލްޑް ޓްރަމްޕް މަނާކުރައްވާފައިވާތީ އެ ކަމަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާ މީހުން އީރާނަށް ވަނުން މަނާކުރާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
ޓްރަމްޕް ނެރުއްވި އަމުރުގައި އެމެރިކާ އަށް އެތެރެވުން މަނާކުރި ގައުމުތަކުގެ މީހުންގެ ތެރޭގައި އީރާން މީހުން ވެސް ހިމެނެ އެވެ. މި އަމުރު ނެރެފައި ވަނީ 90 ދުވަހުގެ މުއްދަތަށެވެ.
"މުސްލިމުން އެމެރިކާ އަށް ދަތުރުކުން ވަގުތީ ގޮތުން މަނާކުރުމަކީ ވެސް އިސްލާމީ ދުނިޔެ އަށް ހާއްސަކޮށް އީރާނަށް ކުރި ބޮޑު މަލާމާތެއް،" އީރާނުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. "ޓްރަމްޕުގެ އަމުރު ދެމިއޮތްހާ ދުވަހު އެމެރިކާ މީހުން އީރާނަށް ވަނުން މަނާކޮށްފައި ބާއްވާނަން."
އެމެރިކާ އަށް ވަނުން ދެން މަނާކޮށްފައި ވަނީ އިރާގު، ސީރިއާ، ލީބިއާ، ސޮމާލިއާ، ސޫދާން އަދި ޔަމަން މީހުންނެވެ. އެމެރިކާ ސަރުކާރުގެ މި އަމުރު މިގޮތަށް އޮތް ނަމަވެސް އެ ގައުމުތަކުގެ ޑިޕްލޮމެޓުންނަށް އެމެރިކާ އަށް ދަތުރުކުރެވެ އެވެ.
ޓްރަމްޕުގެ އަމުރުގައިވާ ގޮތުން ރެފިއުޖީ ޕްރޮގްރާމް ވެސް ވަނީ ހަތަރު މަހަށް ހުއްޓާލައިފަ އެވެ.
އެމެރިކާ އިން އަމުރު ނެރުނު ފަހުން ގާހިރާ އިން ނިއު ޔޯކަށް ދަތުރުކުރަން ހަމަޖެހިފައިވާ އީރާނުގެ ފަސް މީހަކު ވަނީ އެއާޕޯޓުން ހިފަހައްޓައިފަ އެވެ.
އަމުރު ނެރުނު އިރު ދަތުރުމަތީގައިވާ މީހުންނާއި ސައްހަ ވިސާގައި އެތެރެވެފައިވާ މީހުން ނުހިފެހެއްޓޭނެ ކަމަށް ބުނެ ކޯޓު އަމުރެއް މިހާރު ވަނީ ނެރެފަ އެވެ.