ހިތުގެ އޮޕަރޭޝަނަށް އީރާނުގެ ތުއްތު ކުއްޖާ އެމެރިކާ އަށް ދެވޭ ގޮތްވެއްޖެ

ތެހެރާން (ފެބްރުއަރީ 5) - ހިތުގެ އަވަސް އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ އީރާނުގެ ހަތަރު މަހުގެ ތުއްތު ކުއްޖާ އެމެރިކާ އަށް އެތެރެވުމަށް ވިސާ ލިބުމުގައި ދަތިތައް ކުރިމަތިވުމަށް ފަހު އެންމެ ފަހުން އެ ކުއްޖާ އެމެރިކާ އަށް ވަދެވޭގޮތް ވެއްޖެ އެވެ.


އީރާނުގެ ކުޑަ ކުއްޖާ ފާތިމާ ރިޝާދަށް އެމެރިކާ އަށް ދެވޭގޮތް ނުވީ އިމިގްރޭޝަން ސިޔާސަތަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންނެވި ބަދަލާ ގުޅިގެން އެމެރިކާ އަށް އެތެރެވުން މަނާކުރި ހަތް ގައުމުގެ ތެރޭގައި އީރާން ހިމެނުމުންނެވެ. އޮރެގޮންގައި ދިރިއުޅޭ ފާތިމާގެ ތިމާގެ މީހުން ދިޔައީ އޮޕަރޭޝަނަށް އެ ކުއްޖާ ވީހާ ވެސް އަވަހަކަށް އެމެރިކާ އަށް ގެންދެވޭތޯ މަސައްކަތް ކުރަމުންނެވެ. އޮރެގޮންގެ ޕޯޓްލޭންޑް ސިޓީގެ ޑޮކްޓަރުންނަށް ފާތިމާ ދެއްކުމަށް ހަމަޖެހިފައި ވަނީ މިއަދު އެވެ. ނަމަވެސް ޓްރަމްޕް ނެރުއްވި އަމުރުގެ ސަބަބުން ތެހެރާނުން ޕޯޓްލޭންޑަށް ފާތިމާގެ އާއިލާ ދަތުރު ކުރުމަށް ވަނީ ވިސާ ލިބޭ ގޮތް ނުވެފަ އެވެ. އެ އާއިލާ މިދިޔަ ހަފުތާގައި ދުބާއީ އަށް ދިޔަ ނަމަވެސް އެމެރިކާ އަށް ދާން ހުއްދަ ލިބިފައެއް ނުވެ އެވެ.

އެކަމަކު ކޮންގްރެސްގެ ޑިމޮކްރެޓިކް މެންބަރުންތަކެއް ވަނީ ފާތިމާގެ އޮޕަރޭޝަނަށް އެމެރިކާ އަށް އެތެރެކުރުމުގައި ޚާއްސަ ހުއްދައެއް ދިނުމަށް ޚާރިޖީ ވަޒީރު ރެކްސް ޓިލަސަންގެ ކިބައިން އެދިފަ އެވެ.

ނިއު ޔޯކުގެ ގަވަރުނަރު އެންޑްރޫ ކޫމޯ ވިދާޅުވީ ފެޑެރަލް ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން ފާތިމާގެ އާއިލާ އެމެރިކާ އަށް އެތެރެވުމުގެ ޚާއްސަ ހުއްދައެއް ދީފައިވާ ކަމަށެވެ. މި ހުއްދަ ދިން ފަހުން ވަނީ ޓްރަމްޕުގެ އަމުރު ހުއްޓުވުމުގެ އަމުރެއް ކޯޓުން ނެރެފަ އެވެ. ކޯޓު އަމުރާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން ބުނެފައި ވަނީ މަނާކުރި ހަތް ގައުމުގެ މީހުންނަށް ވެސް ކުރިއެކޭ އެއްގޮތަށް ވިސާ ދޭނެ ކަމަށެވެ. އެކަމަކު ސްކްރީން ކުރުމުގެ ޕްރޮގްރާމް ހަރުކަށި ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

އީރާނުގެ ޑޮކްޓަރުން މިދިޔަ މަހު ވަނީ ފާތިމާގެ ހިތުގައި ދެލޯވަޅު އުފެދިފައިވާ ކަމަށާއި ވީހާވެސް އަވަހަކަށް އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. ތެހެރާނުގެ ޑޮކްޓަރުން ވަނީ ފާތިމާގެ އެކޯގާޑިއޯގްރާމް ޕޯޓްލޭންޑުގެ ޑޮކްޓަރުންނަށް ފޮނުވައިފަ އެވެ.