އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް "މަޑުޖައްސާލުމަށް" ވިސްނަމުން ގެންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި މިހެން ވިދާޅުވެފައި ވާއިރު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ކުރިމަތިވެފައިވާ މައްސަލަތައް ކުޑަކުރުމަށް އެމެރިކާއިން ވަނީ އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް ދީފަ އެވެ. 

އީރާނުން އިޒްރޭލާއި ސައޫދީ އަރަބިއްޔާއަށް ޑްރޯން ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް ބުނެފައި ވަނިކޮށް ދުޝްމަނުންނަށް ބޮޑު ގެއްލުމެއް ދީފިން ކަމަށް ވިދާޅުވެ އީރާންގެ އާ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީ ބަޔާނެއް ވެސް މި ދަނޑިވަޅުގައި ވަނީ ނެރުއްވައިފަ އެވެ. 

ޓްރަމްޕް "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުއިރުމަތީގައި އެމެރިކާއިން ކުރިއަށްގެންދާ ވަރުގަދަ އަސްކަރީ މަސައްކަތްތައް ނިންމާލުމަށް ވިސްނާއިރު، އެމެރިކާގެ މަގްސަދުތައް ހާސިލްވުމާ ވަރަށް ގާތްވެފައިވާ ކަމަށެވެ. މިއީ ފެބްރުއަރީ 28 ގައި ފެށި ހަމަލާތައް ވަރަށް އަވަހަށް ނިންމާލަން އެމެރިކާ ތައްޔާރުވާ ކަމަށް ބެލެވޭ ގޮތަށް މިހާތަނަށް ޓްރަމްޕު ދެއްވި އެންމެ ބޮޑު އިޝާރާތެވެ.

ޓްރަމްޕުގެ މި މެސެޖަށް ފަހު ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ސޯޝަލް މީޑިއާގައި ވިދާޅުވީ، މިޝަން ފުރިހަމަކުރުމަށް 4 - 6 ހަފްތާއާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ރައީސާއި ޕެންޓަގަންއިން ލަފާކުރި ކަމަށެވެ. މިއަދު ތިން ހަފްތާ ފުރޭއިރު، "އެމެރިކާގެ އަސްކަރިއްޔާއިން ކުރަމުންދަނީ ފާހަގަކޮށްލެވޭ ފަދަ މޮޅު މަސައްކަތެއް" ކަމަށާއި، ދުވަހުން ދުވަހަށް އީރާނުގެ ބާރު ކެނޑި، އެމެރިކާ އާއި ބައިވެރިންނަށް އޮތް ނުރައްކާ ކުޑަވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނގުރާމައާ ހެދި ތެލުގެ އަގާއި ސަޕްލައިއާ މެދު އޮތް ކަންބޮޑުވުންތަކާ ގުޅިގެން، އެމެރިކާގެ ޓްރެޒަރީން ވަނީ މިހާރު ބޯޓުފަހަރަށް ބަރުކޮށްފައިވާ އީރާނުގެ ތެލުގެ ޝިޕްމަންޓްތަކަށް އަޅާފައިވާ ފިޔަވަޅުތައް ވަގުތީ ގޮތުން އުވާލައިފަ އެވެ. މި ހުއްދައިގެ ދަށުން މި މަހުގެ 20 ގެ ކުރިން ބަރުކޮށްފައިވާ ތެޔޮ، އޭޕްރިލް 19 ގެ ނިޔަލަށް ވިއްކުމުގެ ފުރުސަތު ލިބޭނެ އެވެ.

ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، މި ނިންމުމުގެ ސަބަބުން ގާތްގަނޑަކަށް 140 މިލިއަން ފީފާ ތެޔޮ ދުނިޔޭގެ ބާޒާރަށް ގޮސް، ތެލުގެ އަގަށް އައިސްފައިވާ ޕްރެޝަރަށް ލުޔެއް ލިބޭނެ ކަމަށެވެ.

އަހަރެމެންނަށް ކާމިޔާބުވެއްޖެ: ޓްރަމްޕު

ހުކުރު ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާ ދެކޮޅު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދާން ބޭނުން ނުވާ ކަމަށެވެ. 

"އަހަރެމެން މޮޅުވެއްޖެ ކަމަށް އަހަރެން ދެކެން،" އޭނާ ވިދާޅުވި އެވެ. "އަހަރެން ހަނގުރާމަ ހުއްޓާލާކަށް ބޭނުމެއް ނޫން. އަނެއް ފަރާތް އެއްކޮށް ސުންނާފަތިވަމުންދާ ދަނޑިވަޅެއްގައި ހަނގުރާމަ ހުއްޓައެއް ނުލާނެކަން އެނގޭނެ."

ނޭޓޯގެ ގައުމުތަކަކީ "ފިނޑިން" ކަމަށް ސިފަކުރައްވައި ފާޑުވިދާޅުވުމަށް ފަހު ޓްރަމްޕު ވަނީ އީރާނުން ތެލުގެ ސަޕްލައި ތާށިކުރުމަށް ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އެހެން ގައުމުތަކުން ނަގަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ހޮރްމޫޒް ކަނޑުއޮޅި ބަލަހައްޓައި ފޯރިމަރަން ޖެހޭނީ އެތަން ބޭނުންކުރާ އެހެން ގައުމުތަކުން—އެމެރިކާއަކުން ނޫން!" އޭނާ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ. "އެދިއްޖެ ނަމަ، އެ ގައުމުތަކުގެ މަސައްކަތަށް އަހަރެމެން އެހީތެރިވާނަން. ނަމަވެސް އީރާނުގެ ނުރައްކާ ނައްތާލެވުމުން އެކަން ކުރާކަށް ނުޖެހޭނެ."

ޕްރެސް ކޮންފަރެންސްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން އީރާނާ ވާހަކަދައްކަން ބޭނުންވިޔަސް އެ ގައުމުގައި ވާހަކަ ދައްކާނެ ވެރިޔަކު ވެސް ނެތް ކަމަށާއި ކުރީގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއި އާއި އިސް ހުރިހާ ވެރިން އަވަހާރަކޮށްލާފައިވާ ކަމަށެވެ. 

ޚާމަނާއީ އަވަހާރަކޮށްލުމުން ލީޑަރަކަށް އައްޔަންކުރި އޭނާގެ ދަރިކަލުން މުޖްތަބާ އަދި އާންމުންގެ ކުރިމައްޗަށް ނުކުމެވަޑައެއް ނުގަންނަވަ އެވެ.

ފާރިސީ އައު އަހަރު ނުވަތަ 'ނައުރޫޒް' ފާހަގަކުރުމަށް ނެރުއްވި ބަޔާނެއްގައި މުޖުތަބާ ވިދާޅުވީ، އީރާނުގެ ރައްޔިތުން ދީފައިވާ "ގަދަފަދަ ހަމަލާތަކުގެ ސަބަބުން، ދުޝްމަނުން  އޮޅުންބޮޅުންވެ، ދެކޮޅުނުޖެހޭ ވާހަކަދައްކަމުން" ގެންދާ ކަމަށެވެ.

"މިވަގުތު ތިޔަ ލޮބުވެތި ރައްޔިތުންގެ މެދުގައި އޮތް ބަދަހި އެއްބައިވަންތަކަމުގެ ސަބަބުން... ދުޝްމަނުން ވަނީ ބަލިވެފައި،" މުޖްތަބާ ވިދާޅުވި އެވެ.

އީރާނާ ދެކޮޅަށް އެއްގަމު ސިފައިން ފޮނުވުމުގެ ވިސްނުމެއް ނެތް ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިތުރު 2،200 އާއި 2،500 އާ ދެމެދުގެ އަދަދަކަށް އެމެރިކާގެ މެރިން ސިފައިން ދަނީ އެ ސަރަހައްދަށް ދަތުރުކުރަމުންނެވެ.

އީރާނުން ކަނޑުއޮޅި އަލުން ހުޅުވުމަށް މަޖުބޫރުކުރުވުމުގެ ގޮތުން، އެ ގައުމުގެ ތެލުގެ މައި މަރުކަޒު ކަމަށްވާ ޚާރަކް ޖަޒީރާ ހިފުމަށް ނުވަތަ ބަންދުކުރުމަށް ވިސްނަމުންދާ ކަމަށް އެކްސިއޯސް އިން ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް ޓްރަމްޕު އެ ޚަބަރު ކަށަވަރުކޮށެއް ނުދެއްވަ އެވެ.

އެމެރިކާ އިން އެ ރަށުގެ އަސްކަރީ އަމާޒުތަކެއް "އެއްކޮށް ހަލާކުކޮށްލި" ކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވި ނަމަވެސް މިހާތަނަށް އެ ރަށުގެ ތެލުގެ ވަސީލަތްތަކަށް ހަމަލާއެއް ނުދެ އެވެ.