ކަރާކަސް (ފެބްރުއަރީ 15) - މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއް ހިންގާ ކަމުގެ ތުހުމަތުގައި ވެނެޒުއެލާގެ ނައިބް ރައީސް ތޯރިގު އަލް އައިސަމީއާ ދެކޮޅަށް އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅަށް އޭނާ ގޮންޖައްސަވައިފި އެވެ.
ކޮލަމްބިއާ އާއި މެކްސިކޯގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ބޭނުންކޮށްގެން އެމެރިކާ އަށް ޑްރަގު އެތެރެކުރަން މަސައްކަތް ކުރާ ކަމަށް ބުނެ އައިސަމީއާ ދެކޮޅަށް ޓްރެޝަރީ ޑިޕާޓްމަންޓުން ވަނީ އިގްތިސާދީ ދަތި ކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރޭގައި އެމެރިކާގައި ހުރި އަލް އައިސަމީގެ މުދާ ހިފެހެއްޓުމާއި އޭނާ އެމެރިކާ އަށް ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ.
އެމެރިކާގެ ފިޔަވަޅަށް ރައްދު ދެއްވަމުން އަލް އައިސަމީ ވިދާޅުވީ އެ ގައުމުން އުޅެނީ އެ މީހުންގެ ބާރާއި ނުފޫޒު އެހެން މީހުންގެ މައްޗަށް ވެސް ފޯރުވަން ކަމަށެވެ. އަލް އައިސަމީގެ މައްޗަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާފައިވާތީ އެމެރިކާ އިން މައާފަށް އެދުމަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވަނީ ގޮވާލައްވައިފަ އެވެ.
ވެނެޒުއެލާގެ ނައިބް ރައީސްގެ މަގާމަށް އަލް އައިސަމީ ހަމަޖެއްސީ މިދިޔަ މަހު އެވެ. އޭނާގެ ގާތް ވިޔަފާރި ވެރިއެއް ކަމަށްވާ ސަމާކް ލޮޕޭޒާ ދެކޮޅަށް ވެސް އެމެރިކާ އިން ވަނީ ފިޔަވަޅު އަޅައިފަ އެވެ. ލޮޕޭޒް ނެރުނު ބަޔާނެއްގައި ވަނީ އޭނާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއް ނޫން ކަމަށް ބުނެފަ އެވެ.
އަލް އައިސަމީ އަކީ އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ވެނެޒުއެލާގެ އެންމެ އިސް އޮފިޝަލެވެ. މި ދެ ގައުމުން 2010 ވަނަ އަހަރުގެ ފަހުން ސަފީރުން ބަދަލުކޮށްފައެއް ނުވެ އެވެ.
ވެނެޒުއެލާގެ އަރަގުއާގެ ގަވަރުނަރުކަން ކުރެއްވި އަލް އައިސަމީ ވަނީ 2008 އިން 2012 އަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓަރުކަމާއި ޖަސްޓިސް މިނިސްޓަރުކަން ކުރައްވައިފަ އެވެ. ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާ ގުޅުން އޮންނަ ކަމަށް ވެސް އަލް އައިސަމީގެ މައްޗަށް ތުހުމަތުކޮށްފައިވެ އެވެ. އަލް އައިސަމީގެ ބައްޕަ އަކީ ސީރިއާ އިން ހިޖުރަކޮށްފައިވާ މީހެކެވެ. އޭނާގެ މަންމަ ނިސްބަތް ވަނީ ލުބުނާނުގެ ދަރިކޮޅަކަށެވެ.