ވޮޝިންޓަން (ފެބްރުއަރީ 14) - މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއް ހިންގާ ކަމުގެ ތުހުމަތުގައި ވެނެޒުއެލާގެ ނައިބް ރައީސް އެލް އައިސަމީއާ ދެކޮޅަށް އެމެރިކާ އިން ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
ވެނެޒުއެލާގެ ނައިބް ރައީސްގެ މަގާމަށް އެލް އައިސަމީ ހަމަޖެއްސީ މިދިޔަ މަހު އެވެ. އޭނާގެ ގާތް ވިޔަފާރި ވެރިއެއް ކަމަށްވާ ސަމާކް ލޮޕޭޒާ ދެކޮޅަށް ވެސް އެމެރިކާ އިން ވަނީ ފިޔަވަޅު އަޅައިފަ އެވެ.
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ދަށުން އެމެރިކާގައި ހުރި އެލް އައިސަމީގެ މުދާ ހިފެހެއްޓުމާއި އޭނާ އެމެރިކާ އަށް ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ.
އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ބުނީ އެލް އައިސަމީ ވަނީ މަސްތުވާތަކެތީގެ ބޮޑެތި ޝިޕްމަންޓްތައް ވައިގެ މަގުންނާއި ކަނޑުމަގުން ވެނެޒުއެލާ އިން ބޭރު ކުރުމަށް އެހީވެދީފައި ކަމަށެވެ.
ވެނެޒުއެލާގެ އަރަގުއާގެ ގަވަރުނަރުކަން ކުރެއްވި އެލް އައިސަމީ ވަނީ 2008 އިން 2012 އަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓަރުކަމާއި ޖަސްޓިސް މިނިސްޓަރުކަން ކުރައްވައިފަ އެވެ. ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާ ގުޅުން އޮންނަ ކަމަށް ވެސް އެލް އައިސަމީގެ މައްޗަށް ތުހުމަތުކޮށްފައިވެ އެވެ.