ވެނެޒުއެލާއާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ވޮޝިންޓަން (އޮގަސްޓް 6) - ވެނެޒުއެލާއާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.


ވެނެޒުއެލާ އަށް ފިޔަވަޅު އެޅުމަށް ޓްރަމްޕް ސޮއިކުރެއްވި ލިޔުމުގައިވާ ގޮތުން އެމެރިކާގައި ހުރި ވެނެޒުއެލާގެ ހުރިހާ މުދަލެއް ހިފަހައްޓާނެ އެވެ. ޓްރަމްޕް މި ފިޔަވަޅު އެޅުއްވީ ވެނެޒުއެލާ އިން އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގާ އަދި ވެރިކަމުގެ ބާރުތަކުގެ މައްޗަށް ގަދަވެގަންނަން ރައީސް ނިކޮލަސް މަދޫރޯ ކުރާ މަސައްކަތް ކުރަމުން ގެންދާތީ އެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނީ މިއީ ވެސްޓަން ހެމިސްފިއާގެ ގައުމަކާ ދެކޮޅަށް ވޭތުވެދިޔަ 30 އަހަރު ދުވަހު ތެރޭ އެޅި މިބާވަތުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އެމެރިކާ އިން މީގެ ކުރިން ވަނީ ވެނެޒުއެލާގެ ތެލުގެ އިންޑަސްޓްރީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. ވެނެޒުއެލާ އަށް އާމްދަނީ ލިބޭ މައިގަނޑު ވަސީލަތަކީ ތެލުގެ އެކްސްޕޯޓެވެ.

ވެނެޒުއެލާގެ ނައިބް ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވީ އެމެރިކާ އިން ދަނީ އެ ގައުމުގެ ވެރިކަން ބަދަލު ކުރަން ބަޣާވާތެއް ގެނައުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ރައީސް މަދޫރޯގެ ވެރިކަން ވައްޓާލުމުގެ ގޮތުން ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ހުއާން ގުއާޑޯ މި އަހަރު ކުރީކޮޅު ވަނީ ގައުމުގެ ވަގުތީ ވެރިއަކީ އޭނާ ކަމަށް އިއުލާން ކުރައްވައިފަ އެވެ. އެ ނިންމުމަށް އެމެރިކާ އާއި އެހެން ބައެއް ގައުމުތަކުން ވަނީ ތާއީދުކޮށްފަ އެވެ.