ކަރާކަސް (ފެބްރުއަރީ 18) - ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ލިއޮޕޮލްޑޯ ލޮޕޭޒް ދޫކޮށްލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލެއްވި ނަމަވެސް އޭނާގެ މައްޗަށް އިއްވާފައިވާ 14 އަހަރުގެ ޖަލު ހުކުމް އެ ގައުމުގެ ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.

ލޮޕޭޒް ކުށްވެރިކޮށްފައި ވަނީ 2014 ވަނަ އަހަރު ކުރި މުޒާހަރާއެއްގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިން ކަމަށް ބުނެ އެވެ. އެ ފަހަރުގެ ހަމަނުޖެހުންތަކުގައި ވަނީ 43 މީހުން މަރުވެފަ އެވެ. ލޮޕޭޒް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ އޭނާގެ މައްސަލަ ސިޔާސީކޮށް ހުކުމް އިއްވާފައިވާ ކަމަށެވެ. ވަކީލުން މެދުވެރިކޮށް ލޮޕޭޒް ވިދާޅުވެފައި ވަނީ އޭނާގެ ޝަރީއަތުގައި ބޮޑެތި މައްސަލަތައް ހުރި ކަމަށެވެ. އޭގެ ތެރޭގައި އޭނާއާ ދެކޮޅަށް 138 މީހުންގެ ހެކި ބަސް ނަގާފައިވާ އިރު ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި 50 މީހުންގެ ތެރޭން ހެކި ބަސް ނަގާފައި ވަނީ އެންމެ މީހެއްގެ ކަމަށް ވިދާޅުވި އެވެ.

ވެެނެޒުއެލާގެ އިދިކޮޅު ލީޑަރުގެ އަނބިކަނބަލުން (ވ-2) ރައީސް ޓްރަމްޕާ ބައްދަލު ކުރައްވަނީ.
ވެެނެޒުއެލާގެ އިދިކޮޅު ލީޑަރުގެ އަނބިކަނބަލުން (ވ-2) ރައީސް ޓްރަމްޕާ ބައްދަލު ކުރައްވަނީ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ލޮޕޭޒް މިނިވަން ކުރުމަށް ހުރި ގާނޫނީ ހުރިހާ ދޮރެއް ބަންދުވީ އެވެ.

"ޚުދުމުޚްތާރު ވެރިކަމެއްގައި ކުރާ ކޮންމެ ހުކުމެއް ވާނީ ބާތިލް އެއްޗަކަށް،" އެމެރިކާ އަށް ވަޑައިގަން ރައީސް ޓްރަމްޕާ ބައްދަލު ކުރެއްވި ލޮޕޭޒްގެ އަނބިކަނބަލުން ލިލިއަން ޓިންޓޯރީ ވިދާޅުވި އެވެ. "ޓްރަމްޕް ހުންނެވީ ވެނެޒުއެލާގެ ރައްޔިތުންނާ އެކު."

ޓްރަމްޕް ވަނީ ލޮޕޭޒްގެ އަނބިކަނބަލުންނާ ބައްދަލުކުރެއްވި ފޮޓޯ ޓްވީޓް ކުރައްވައިފަ އެވެ. އަދި ލޮޕޭޒް ޖަލުން ދޫކޮށްލުމަށް ވަނީ ގޮވާލައްވައިފަ އެވެ.

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެފައި ވަނީ ޓްރަމްޕާ އެކު މައްސަލަ އުފައްދަން ބޭނުން ނުވާ ކަމަށެވެ. އެކަމަކު ޚާރިޖީ ވަޒީރު ޑެލްސީ ރޮޑްރިގޭޒް ވަނީ ވެނެޒުއެލާގެ ދާޚިލީ ކަންކަމާ ބެހެން އެމެރިކާގެ ރައީސް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.