ކޮލަމްބޯ (ފެބްރުއަރީ 27) - ސްރީ ލަންކާގެ ޖަލަކުން ކުށްވެރިން ގެންދިޔަ ބަހަކަށް ހަތިޔާރު ހިފައިގެން ތިބި ބަޔަކު ހަމަލާދީ ހަތް މީހުން މަރާލައިފި ކަމަށް ފުލުހުން ބުނެފި އެވެ.
އަހަރުތަކަކަށް ފަހު ލަންކާގައި ދިން، ގޭންގްތަކާ ގުޅުން އޮތް ކަމަށް ބެލެވޭ މި ހަމަލާގައި މަރުވެފައި ވަނީ ގައިދީންގެ ފަސް މީހުންނާއި ޖަލު ގާޑުންގެ ދެ މީހުންނެވެ. ފުލުހުން ބުނީ ބަޑި ހިފައިގެން ތިބި މީހުން ބަހަށް ހަމަލާދޭން ފެށީ ކޮލަމްބޯ އިން ބޭރު ކަލުތަރަ ޖަލުން ގައިދީން ގޮވައިގެން ޖަންގަލީގެ މަގެއްގައި ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ. މި ހަމަލާގައި ޒަޚަމްތަކާ އެކު ވަނީ ހަތަރު ގާޑަކު ސަލާމަތްވެފަ އެވެ.
ހަމަލާ ދީފައި ވަނީ ކޯޓަށް ގެންދިއުމަށްޓަކައި ގައިދީން ދަތުރުކުރި ބަހަކަށެވެ. ފުލުހުން މިހާރު ގެންދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.
ޖަލުތަކުގައި ތިބޭ ނުރައްކާތެރި ގައިދީން އެއްތަނުން އަނެއް ތަނުން އުފުލުގައި ސަލާމަތީ ގޮތުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ މާޗު މަހު ކޮލަމްބޯގައި ދަތުރު ކުރި ޖަލު ބަހަކަށް ހަމަލާދީ ހަ މީހުން މަރާލި ހާދިސާއާ ގުޅިގެންނެވެ. ނަމެވެސް ފުލުހުން ބުނީ މިއީ ލަންކާގެ ތާރީޚުގައި ވެސް ދިން ގޭންތަކާ ގުޅުން އޮތް އެންމެ ނުރައްކާތެރި ހަމަލާ ކަމަށެވެ.
ލަންކާގައި 37 އަހަރުވަންދެން ކުރި ދާޚިލީ ހަނގުރާމަ ނިމުނުތާ އަށް އަހަރުވީ އިރު ވެސް އަދިވެސް އާއްމުން ހަތިޔާރު ގެންގުޅޭތީ ފުލުހުން ވަނީ ކަންބޮޑުވެފަ އެވެ. ގަވާއިދާޚިލާފަށް ގެންގުޅޭ ހަތިޔާރު ހޯދުމަށް ކުރާ މަސައްކަތް އަދި ކާމިޔާބުވެފައެއް ނުވެ އެވެ.