ވެލިގަޑަ ޖަލުން ގައިދީއަކު ޕޮޒިޓިވްވުމުން މިހާރު ވަނީ އެތައް ބަޔަކު ކަރަންޓީންކޮށްފައި. --ފޮޓޯ: ކޮލަންބޯގެޒެޓް
09 ޖުލައި 2020 - 12:43
ކޮލަމްބޯ (ޖުލައި 9) - ސްރީ ލަންކާގެ ވެލިކަޑަ ޖަލުން ގައިދީއަކު ޕޮޒިޓިވްވެފައިވާ ކަމަށް ސަރުކާރުގެ އިންފޮމޭޝަން ޑިޕާޓްމަންޓުން ބުނެފި އެވެ.
ލަންކާގެ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސް ޑރ. އަނިލް ޖަސިންހަ ވިދާޅުވީ ޕޮޒިޓިވްވެފައި ވަނީ ކަންޑަކަޑު ރިހެބިލިޓޭޝަން ސެންޓަރުން ޖޫން 27 ގައި ވެލިކަޑަ އަށް ގެންދިޔަ ގައިދީއެއް ކަމަށެވެ. އެ ގައިދީއާ ކޮންޓެކްޓްވި އެންމެންގެ ޕީސީއާރް ޓެސްޓް ވަނީ ހަދައިފަ އެވެ. ގައިދީއާ ވަނީ 180 މީހުން ކޮންޓެކްޓްވެފަ އެވެ. ވެލިކަޑަ ޖަލުގައި މިހާރު ވަނީ ކަރަންޓީން ފެސިލިޓީއެއް ވެސް ގާއިމްކޮށްފަ އެވެ.
ނޭޝަނަލް އޮޕަރޭޝަން ސެންޓަ ފޯ ޕްރިވެންޝަން އޮފް ކޮވިޑް-19 އައުޓްބްރޭކް (އެންއޯސީޕީސީއޯ) ގެ ވެރިޔާ އަދި ސިފައިންގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް ޝަވެންދުރަ ސިލްވާ ވިދާޅުވީ ވެލިކަޑަ ޖަލުން 186 ގައިދީއަކު މިހާރު ވަނީ އެހެން ކަރަންޓީން ސެންޓަރެއް ކަމަށްވާ ޕުނަނީ އަށް ފޮނުވާފައި ކަމަށެވެ. ޖަލުގެ ހަތް އޮފިސަރަކު ވެސް ވަނީ ގައިދީއާ ކޮންޓެކްޓްވެފަ އެވެ.
ލަންކާގެ ޕްރިޒަންސް ޑިޕާޓްމަންޓުން ބުނީ ވެލިކަޑަ ޖަލަށް ޒިޔާރަތް ކުރުން މިހާރު ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް ތުޝާރާ އުޕުލްދެނިޔަ ވިދާޅުވީ ވަކި ގޮތެއް އަންގަންދެން ލަންކާގެ އެއްވެސް ޖަލަކަށް މިދުވަސްވަރު މީހުން ޒިޔާރަތްކުރުން މަނާކޮށްފައިވާ ކަމަށެވެ.
ލަންކާ އިން މިހާތަނަށް ވަނީ 2,094 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 11 މީހުން މަރުވެފަ އެވެ. އިއްޔެ ވަނީ 13 މީހުން ޕޮޒިޓިވްވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 1،967 މީހުންނެވެ. ފަރުވާގައި ތިބީ 116 މީހުންނެވެ. އޭގެ ތެރޭން ސީރިއަސް ހާލަތުގައި އޮތީ އެންމެ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީރިސް
09 July 2020
ރާއްޖޭގައި ވަނީ މަރެވެ. ސީރިއަސް ހާލަތެއްގައި މީހަކު ނޯވެއެވެ.