ކޮލަމްބޯ (ޑިސެމްބަރު 1) - ސްރީ ލަންކާގެ ތޮއްޖެހިފައިވާ ޖަލުތަކުގައި ކޮރޯނާވައިރަސް ފެތުރޭތީ އެތައް ސަތޭކަ ގައިދީނެއް ޖަލުން މިނިވަން ކުރަން ފަށައިފި އެވެ.
އޮފިޝަލުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އެތައް ހާސް ގައިދީނެއް އަދި ދޫކުރާނެ ކަމަށެވެ. ޖަލުތަކުން ގައިދީން މަދުކުރަން ފަށާފައި މިވަނީ ޖަލުތަކުގައި ކޮރޯނާވައިރަސް ފެތުރޭއިރު ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ނުދާ ކަމަށް ބުނެ ކޮލަމްބޯގެ ބޭރުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ޖަލެއް ކަމަށްވާ މަހާރާގައި ހަމަނުޖެހުން ހިންގައި ނުވަ މީހުން މަރުވެ، 113 މީހުން ޒަޚަމްވެފައި ވަނިކޮށެވެ.
ޖަލުން ގައިދީން ދޫކޮށްލުމަށް އެދި ގޮވާލައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެ ޖަލުގައި ގައިދީން ހަމަނުޖެހުން ހިންގަން ފެށުމުން ގާޑުން ވަނީ ބަޑިޖަހައިފަ އެވެ.
މިއީ 2012 ވަނަ އަހަރު ލަންކާގެ ވެލިކަޑަ ޖަލުގައި ހިންގި ހަމަނުޖެހުމަށް ފަހު، ޖަލުގެ ހަމަނުޖެހުމެއްގައި އެންމެ ގިނަ މީހުން މަރުވި ފަހަރެވެ. އެ ފަހަރުގެ ހަމަނުޖެހުމުގައި ޕޮލިސް ކޮމާންޑޯ އިން ބަޑިޖެހުމުގެ ސަބަބުން ވަނީ 27 ގައިދީން މަރުވެފަ އެވެ.
ރައީސް ގޯޓާބޭ ރާޖަޕަކްސާ މިއަދު ވަނީ ލަންކާގެ އެކި ޖަލުތަކުން 637 މީހަކަށް މައާފްދީފައި ކަމަށް ޖަސްޓިސް މިނިސްޓަރު އަލީ ސަބްރީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖަލުތަކުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގައި ރިމާންޑް ޖަލުތަކުން ވެސް އެތައް ހާސް ބަޔަކު ކަފާލާތުގެ ދަށުން ދޫކުރާނެ ކަމަށެވެ.
ޖަލުތަކުގެ ހަމަނުޖެހުމަށް ފަހު ރައީސް ގޯޓާބޭ ވަނީ ޕްރިޒަން ރިފޯމްސް މިނިސްޓަރު ސުދާޝިނީ ފެނާންޑޯޕުއްލޭ މަގާމުން ދުރުކޮށް ކޮވިޑާ ބެހޭ ކަންކަން ބަލާ އާ މިނިސްޓްރީއެއް ހަވާލު ކުރައްވައިފަ އެވެ.
ލަންކާގެ ޖަލުތަކުގެ ޖާގައަކީ 10،000 ނަމަވެސް ޖަލުތަކުގައި އޭގެ ތިން ގުނަ އަށް ގައިދީން މިހާރު ތިބި ކަމަށް އޮފިޝަލުން ބުނެ އެވެ. ޖަލުތަކުގައި ތިބި 30،000 މީހުންގެ ތެރޭން މިހާތަނަށް ވަނީ 1،200 މީހުންނަށް ކޮވިޑް ޖެހި، ދެ މީހުން މަރުވެފަ އެވެ.
ލަންކާގެ ޖަލުތަކުގައި ކޮވިޑް ފެތުރެން ފެށުމުން ޖަލަށް މީހުން ޒިޔާރަތްކޮށް، އަދި ޖަލުގެ ސްޓާފުން އެހެން ސަރަހައްދުތަކަށް ދިއުން ވަނީ މަނާކޮށްފަ އެވެ.
ކޮވިޑް ޖެހިގެން ލަންކާ އިން މަރުވި މީހުންގެ އަދަދު މިދިޔަ މަހު ވަނީ ހަ ގުނަ އިތުރުވެ، 118 އަށް އަރައިފަ އެވެ. ކޮރޯނާވައިރަހަށް ލަންކާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 24،000 އަށް އަރައިފަ އެވެ.
އާބާދީގައި 21 މިލިއަން މީހުން ހިމެނޭ ލަންކާ އިން ތިން މަސް ދުވަހުގެ ކާފިއު އަށް ލުއިދީފައި ވަނީ ޖޫން 28 ގަ އެވެ. ނަމަވެސް ދެ ވަނަ ރާޅެއް އޮކްޓޯބަރު މަހު ކުރިމަތިވުމާ ގުޅިގެން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ.