އަފްޣާނިސްތާނުގެ ތާލިބާނުންގެ މީހަކު ހަތިޔާރާ އެކު ބޯޑަރު ސަރަހައްދުގައި: ޕާކިސްތާނާއި އަފްޣާނިސްތާނުން ހަމަލާތައް ބަދަލުކުރުން މިހާރު ވަނީ ހުއްޓާލާފައި. -- ފޮޓޯ: އޭއެފްޕީ
19 އޮކްޓޯބަރ 2025 - 15:36
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ބަދަލުކުރަމުން ގެންދާ ހަމަލާތަކުގައި އެތައް ބަޔަކު މަރުވެފައި ވަނިކޮށް ގަތަރުން ކުރި މަސައްކަތުން އެ ދެ ގައުމުގެ ސުލްހަކުރުވައި، ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެއްޖެ އެވެ.
މިއީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައި ފަހުން ދެކުނު އޭޝިއާގެ އަވަށްޓެރި މި ދެ ގައުމުގެ ދެމެދުގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުމެވެ.
ވަރުގަދަ ހަމަލާތަކެއް ބަދަލުކުރުމަށް ފަހު ދެ ގައުމުން ވެސް ސިފައިންނާއި އާންމުންގެ އެތައް ބަޔަކު މަރުވެފައި ވަނިކޮށް 48 ގަޑިއިރަށް ހަމަލާތައް މެދުކަނޑާލި އެވެ. އެކަމަކު ހުކުރު ދުވަހު ވަނީ އަނެއްކާވެސް ހަމަލާތައް ފަށައިފަ އެވެ.
ދޯހާގައި ބޭއްވި ސުލްހައިގެ މަޝްވަރާތަކަށް ފަހު ގަތަރުގެ ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމްކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. އަދި އިތުރު މަޝްވަރާއަށް ފަހުން ބައްދަލުކުރަން ވެސް އެއްބަސްވެފައިވާ ކަމަށް ބުންޏެވެ.
ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ވިދާޅުވީ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށާއި މި މަހުގެ 25 ވަނަ ދުވަހު އިސްތަންބޫލްގައި ދެ ޕާޓީ އަލުން ބައްދަލުކުރާނެ ކަމަށެވެ.
"އަފްޣާނިސްތާނުގައި ތިބެގެން ޕާކިސްތާނުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުން ވަގުތުން ހުއްޓާލަން ވަނީ އެއްބަސްވެފައި. އަވަށްޓެރި ދެ ގައުމުން ވެސް އެއްބަޔަކު އަނެއް ބައެއްގެ ސިޔާދަތަށް އިހުތިރާމް ކުރާނެ،" އާސިފް ސޯޝަލް މީޑިއާގައި ވިދާޅުވެފައިވެ އެވެ.
އަފްޣާނިސްތާނުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކުރެއްވިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
"އެއްވެސް ގައުމަކުން އަނެއް ގައުމަކަށް ހަމަލާ ނުދޭން ވަނީ އެއްބަސްވުމަކަށް އާދެވިފައި،" އޭނާ އެކްސްގައި ލިޔުއްވާފައިވެ އެވެ.
އޭނާ ވިދާޅުވީ ދެ ގައުމުގެ ސިފައިން ވެސް އަދި ސިފައިން އެހެން ބަޔަކަށް އެހީތެރިކަން ދީގެން ވެސް ހަމަލާ ނުދޭނެ ކަމަށެވެ.
ތާލިބާނުން އެނބުރި އަފްޣާނިސްތާނުގެ ވެރިކަމަށް އައި ފަހުން ޕާކިސްތާނާއި އަފްޣާނިސްތާނުގެ 2،600 ކިލޯމީޓަރު (1،600 މޭލު) ގެ ބޯޑަރު ސަރަހައްދުގައި ހަނގުރާމަވެރިންގެ ހަމަލާތައް ވަނީ އިތުރުވެފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލަމާރި
19 October 2025
އެއްބަޔަކު އަނެއްބަޔަކާ ސުލްހަކުރާން ގަތަރުން ތިކުރާ މަސައްކަތަށް ސާބަސް ހައްޤު.
ގެރިކިރު
19 October 2025
މުސްލިމުންނާއި މުސްލިމުން ތަޅާފޮޅުުމުގައި އުޅޭއިރު އެހެން ކާފަރު ޤައައުމުތަކުގެ އަނިޔާއިން އަނެއް މުސްލިމް ޤައުމު ސަލާމަތްކުރާނީ ކިހިނެތް؟