އެމެރިކާއިން ހަމަލާ ދޭނެ ކަމުގެ އިންޒާރު ދެމުން ދަނިކޮށް އީރާނުން މިހާރު ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތަކުގެ ތެރޭގައި އީރާންގެ ފައިޓަ ޖެޓެއް ވެއްޓި އޭގެ އެއް ޕައިލެޓަކު މަރުވެއްޖެ އެވެ.
އީރާންގެ ދައުލަތުގެ ބްރޯޑްކާސްޓަރު، އިސްލާމިކް ރިބަބްލިކް އޮފް އީރާން (އިރިބް) އިން ބުނި ގޮތުގައި ޖެޓް ވެއްޓިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ތަމްރީންތަކެއްގަ އެވެ.
އެއާފޯސްގެ މަތިންދާބޯޓު ވެއްޓުނީ ހަމަދާންގެ ހުޅަނގު ޕްރޮވިންސްގައި ކަމަށާއި އޭގެ ދެ ޕައިލެޓުންގެ ތެރެއިން އެކަކު މި ހާދިސާގައި މަރުވެފައިވާ ކަމަށް ވެސް ބުންޏެވެ.
"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުން ދެނެގަތުމަށް ތަހުގީގު ވަނީ ފަށާފައި،" އިރިބް އިން ބުންޏެވެ.
އީރާނާއި ރަޝިޔާ އިން އޮމާން ކަނޑުގައި ބުރާސްފަތި ދުވަހުން ފެށިގެން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށް ވަނީ ކުރިން އިއުލާނުކޮށްފަ އެވެ.
އީރާނުގެ އަސްކަރިއްޔާގެ ރިވޮލިއުޝަނަރީ ގާޑުން މި ތަމްރީންތަކުގައި ވަނީ ހޮރްމޫޒް ކަނޑުއޮޅިގައި ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މިއީ އެ ސަަރަހައްދުގައި އީރާނަށް ބިރު ދެއްކުމަށް ޖަމާކުރަމުންދާ އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ގޮންޖެހުމަށެވެ.
"އިރާނާއި ރަޝިޔާ ގުޅިގެން ކުރިއަށް ގެންދާ ތަމްރީންތައް [ބުރާސްފަތި ދުވަހު] އޮމާން ކަނޑާއި އިންޑިއާ ކަނޑުގެ އުތުރުގައި ކުރިއަށްދާނެ،" ރިއާ އެޑްމިލަރް ހަސަން މަޣްސޫދުލޫއާ ހަވާލާދީ އީރާންގެ ނިއުސް އެޖެންސީތަކުން ބުންޏެވެ.
"މި ޑްރިލްގެ ބޭނުމަކީ މެރިޓައިމް ސެކިއުރިޓީ ވަރުގަދަކޮށް، ދެ ގައުމުގެ ކަނޑުގެ ސިފައިންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުން،" އޭނާ ވިދާޅުވި އެވެ.
މި ތަމްރީންތައް ފެށީ އީރާނާއި އެމެރިކާއިން ނިއުކްލިއާ މައްސަލާގައި ކުރިއަށް ގެންދާ މަޝްވަރާތަކުގެ ދެ ވަނަ ބުރު ނިންމާލުމަށް ފަހުގަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގެންދަވަނީ އީރާނުން ނިއުކްލިއާ މަސައްކަތް ހުއްޓާލަން އެއްބަސްނުވާނަމަ ހަމަލާ ދޭނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ. އަނެއްކޮޅުން އީރާނުން ދަނީ އެ ހައްގު ދޫކޮށްނުލާނެ ކަމަށް ބުނަމުންނެވެ. ޓްރަމްޕު އިއްޔެ ވިދާޅުވި ގޮތުގައި އީރާނުން އެއްބަސްވުމަކަށް އައުމަށް ގިނަވެގެން ދެން ލިބޭނީ 15 ދުވަހެވެ.
އެމެރިކާ އާއި އިޒްރޭލު ވެސް މިހާރު ވަނީ އީރާނާ އެކު ހަނގުރާމައެއް ފެށުމަށް ތައްޔާރީ ހާލަތަށް އައިސްފަ އެވެ.