ޕާކިސްތާނުން އަފްޣާނިސްތާނަށް ތަކުރާރުކޮށް ހަމަލާ ދެމުން ދާތީ ބަދަލު ހިފުމުގެ ގޮތުން މިރޭ އަފްޣާނިސްތާނުން ހަމަލާދޭން ފަށައިފި އެވެ.
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ބުނީ ޕާކިސްތާނު ސިފައިންނަށް އަމާޒުކޮށް އެކި ދިމަދިމާލުން ހަަމަލާދީ އެތައް ސިފައިންނެއް މަރާލައި އަދި އެތައް ސިފައިންނެއް އަތުލައިގެންފައިވާ ކަމަށެވެ. އަދި މިހާރުވެސް ދަނީ ވަރުގަދައަށް ހަމަލާ ބަދަލުކުރަމުން ކަމަށް ބުންޏެވެ.
"ޕާކިސްތާނުގެ އަސްކަރިއްޔާއިން ތަކުރާރުކޮށް ހަމަލާދެމުން ދާތީ ޕާކިސްތާނުގެ އަސްކަރީ މަރުކަޒުތަކާއި ޑޫރާންދް ލައިންގައި ހުންނަ ޕާކިސްތާނުގެ އަސްކަރީ ތަންތަނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ވަނީ ފަށާފައި،" ތާލިބާން ސަރުކާރުގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
މި ދެ ގައުމު ގުޅޭ ބޯޑަރު ނުވަތަ އާންމު ނަމުން ނަމަ ޑޫރަންދް ލައިންގެ ދިގުމިނުގައި 2،611 ކިލޯމީޓަރު (1،622 މޭލު) ހުރެ އެވެ. އެކަމަކު މިއީ ޕާކިސްތާނުން ރަސްމީކޮށް ބަލައިގެންފައިވާ ބޯޑަރެއް ނޫނެވެ.
އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހު ދިން ހަމަލާތަކުގައި 70 ހަނގުރާމަވެރިން މަރާލާފައި ވާނެ ކަމަށް ޕާކިސްތާނުން ބުނި ނަމަވެސް އަފްޣާނިސްތާނުން ބުނީ މަރުވީ އާންމުން ކަމަށެވެ. އަދި އެ ހަމަލާތައް އެ ގައުމުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީން "އަފްޣާނިސްތާނުން އިސްވެ ދިން ހަމަލާތަކަށް" އެކަށީގެންވާ ރައްދު ދީފައިވާ ކަމަށެވެ.
ތާލިބާން ސަރުކާރުގެ ތަރުކާރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އަފްޣާނިސްތާނުން ވަނީ ޕާކިސްތާނުގެ 15 އަށް ވުރެ ގިނަ ސިފައިން ހައްޔަރުކޮށްފަ އެވެ.
"ޕާކިސްތާނުގެ އެތައް ސިފައިންނެއް ވަނީ މަރާލާފައި. ސިފައިންގެ 10 މީހެއްގެ ހަށިގަނޑު ކުނާރު އަދި އެހެން ބައެއް ޕްރޮވިންސްތަކަށް ވަނީ ގެންގޮސްފައި. ބައެއް ސިފައިން ޒަހަމްވެފައި ވާއިރު އެހެން ބައެއް މީހުން ވަނީ އަފްޣާނިސްތާނުގެ އަތްދަށުގައި،" މުޖާހިދު ވިދާޅުވި އެވެ.
ރައްދުގައި ޕާކިސްތާނުން ހަމަލާ ދީފައިވާނެ ކަމަށް ބުނި ނަމަވެސް އެ ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ވާހަކައެއް އަދި ނުދައްކަ އެވެ.
ތާލިބާނުން 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ކޮންޓްރޯލް އަނބުރާ ހޯދި ފަހުން ދެ ގައުމުގެ ދެމެދުގައި ވަނީ މައްސަލަ ވަރަށް ބޮޑުވެފަ އެވެ. އަދި މި މައްސަލަތައް މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އިތުރަށް ގޯސްވެފައިވެ އެވެ.
ޕާކިސްތާނުން ބުނަނީ އެ ގައުމަށް ހަމަލާދޭން އަފްޣާނިސްތާނުގެ ބިން ބޭނުންކުރާއިރު އެކަން ހުއްޓުވުމުގައި އަފްޣާނިސްތާނު ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ. އަދި ރޭ ދިން ހަމަލާތަކަކީ ޕާކިސްތާނުގެ ޝިއައީ މިސްކިތަކަށް އެންމެ ފަހުން ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ދިން ހަމަލާތަކެއް ކަމަށް ވެސް ބުންޏެވެ. -- އޭއެފްޕީ