އީރާން ހަނގުރާމައާ ހެދި ތެލުގެ ސަޕްލައިގެ ޔަގީންކަން ގެއްލިފައި ވާތީ ސްރީ ލަންކާގައި ތެޔޮ ވިއްކުން ކޮންޓްރޯލްކުރުމުގެ ގޮތުން ކިއުއާރް ކޯޑް ސިސްޓަމް ބޭނުންކޮށްގެން ތެޔޮ ވިއްކަން މިއަދު ފަށައިފި އެވެ.
ލަންކާގެ އެނާޖީ މިނިސްޓްރީން ވަނީ މިއަދު ހެނދު 6:00 އިން ފެށިގެން މިގޮތަށް އަމަލުކުރަން ފަށައިފަ އެވެ. މިގޮތަށް ހަމަޖެއްސުމުން ރެޖިސްޓްރީކޮށްފައިވާ ކިއުއާރް ކޯޑް ދެއްކުމުން ނޫނީ ވެހިކަލްތަކަށް ތެޔޮ އަޅައެއް ނުދޭނެ އެވެ.
ކޯޓާގެ ދަށުން ކޮންމެ ހަފްތާއަކު ބަހަކަށް ވިއްކާނީ 60 ލީޓަރެވެ. އަދި ސައިކަލަށް 5 ލީޑަރު، ކާރަކަށް 15 ލީޓަރު، ވޭނަކަށް 40 ލީޓަރު، ލޮރީއަކަށް 200 ލީޓަރު އަދި އެހެން އެއްގަމު އުޅަނދުތަކަށް 25 ލީޓަރެވެ. މީގެ އިތުރުން ތިން ފުރޮޅުލީ އުޅަނދަށް 15 ލީޓަރާއި ސްޕެޝަލް ޕާޕަސް ވެހިކަލަށް 40 ލީޓަރާއި ކުއަޑްރިސައިކަލަށް 5 ލީޓަރު ލިބޭނެ އެވެ.
އެ މިނިސްޓްރީން ބުނީ ތެލުގެ ސަޕްލައި ރޫޓްތަކަށް ބުރޫ އަރައި އަދި އެތެރޭގެ ޑިމާންޑު ވަރަށް ބޮޑަށް އިތުރުވުމުގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ހުރި ތެލުގެ ސްޓޮކް ރަނގަޅަށް މެނޭޖްކުރަން ޖެހޭ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ތެޔޮ ރައްކާކުރުމާއި ތެޔޮ ވިއްކުމުގެ ނަމުގައި އޮޅުވާލުމުގެ މައްސަލަތައް ގިނަވާ ކަމަށް ވެސް ބުންޏެވެ.
ސަރުކާރުން ކިއުއާރު ކޯޑު ސިސްޓަމެއް ތައާރަފުކުރީ ތެޔޮ ގަނެ ފޮރުވާ މައްސަލަ ހައްލުކޮށް އާންމު ދިރިއުޅުމަށް ބުރޫ ނާރާނެ ގޮތަށް ތެޔޮ ލިބޭނެކަން ޔަގީންކުރުމަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އުފެއްދުންތެރިކަމުގެ މަސައްކަތާއި ޒަރޫރީ ހިދުމަތްތަކުގައި ބޭނުންކުރާ ވެހިކަލްތަކަށް ވަކި އިންތިޒާމެއްގެ ދަށުން ކަމާބެހޭ އިދާރާތަކުން ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ލަންކާގައި އެންމެ ފަހުން މިގޮތަށް ތެޔޮ ވިއްކާފައިވަނީ އެ ގައުމަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި 2022 ވަނަ އަހަރު އެވެ.