މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ އިތުރު ލޮޅުންތަކަށް ތައްޔާރުވުމުގެ ގޮތުން، ސްްރީ ލަންކާއިން ތެލުގެ އަގު އިއްޔެ 25 ޕަސެންޓަށް ބޮޑުކޮށްފި އެވެ. މިއީ ފާއިތުވި ދެ ހަފުތާ ތެރޭގައި އަގު ބޮޑުކުރި ދެވަނަ ފަހަރެވެ.
މި ބަދަލާ އެކު އާދައިގެ ޕެޓްރޯލް ލިޓަރެއްގެ އަގު ވަނީ 317 ރުޕީސް އިން 398 ރުޕީސް (1.30 ޑޮލަރު) އަށް އުފުލިފަ އެވެ. އަދި އާންމު ދަތުރުފަތުރަށް ބޭނުންކުރާ ޑީސަލް ލިޓަރެއްގެ އަގު 79 ރުޕީސް ބޮޑުވެ، މިހާރު ހުރީ 382 ރުޕީސްގަ އެވެ.
މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ ތެލުގެ އަގު އަށް ޕަސެންޓް ބޮޑުކޮށް، ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި އެކި ވެެހިކަލްތަކަށް ވަކި މިންވަރަކަށް ވިއްކަން ފަށައިފަ އެވެ.
"މިފަހަރު އަގަށް މިގެނައި ބަދަލާ އެކު، ތެޔޮ ބޭނުންކުރާ މިންވަރު 15 ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށްކުރެވޭނެ ކަމަށް އުންމީދުކުރަން،" ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތައް ދިގުލައިގެން ގޮސް، ގައުމަށް ހަކަތަ ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވެދާނެތީ އެކަމަށް ތައްޔާރުވުމަށް ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަ މިދިޔަ ހަފްތާގައި ވަނީ އަންގަވައިފަ އެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން ރައީސް ވަނީ ހަފްތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ހަމަޖައްސަވައި، ކުރެވެން ހުރި ދާއިރާތަކުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް [ވޯކް ފްރޮމް ހޯމް] އުސޫލު އަލުން ތައާރަފްކުރުމަށް، ވަޒީފާދޭ ފަރާތްތަކަށް އިރުޝާދު ދެއްވައިފަ އެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަަމަލާދޭން ފެށުމުން އީރާނުން ދޭ ރައްދު ހަމަލާތަކާ އެކު ހަނގުރާމަ ހަތަރުވަނަ ހަފްތާއަށް ދިގު ދެމިގެން ގޮސްފައި ވާއިރު، އީރާނުން ވަނީ ދުނިޔޭގެ ތެލުގެ އެކްސްޕޯޓްގެ 20 ޕަސެންޓް ހިއްސާކުރާ ހޮރްމޫޒް ކަނޑޯޅި ބަންދުކޮށްފަ އެވެ.
ސްްރީ ލަންކާއަކީ ބޭނުންވާ ހުރިހާ ތެލެއް އިމްޕޯޓްކުރާ ގައުމެކެވެ. މީގެ އިތުރުން ކަރަންޓު އުފެއްދުމަށް ކޯލް ވެސް އެ ގައުމުން ގަނެ އެވެ.
ސާފުކޮށްފައިވާ ތެޔޮ ސްްރީ ލަންކާއިން ގަންނަނީ ސިންގަޕޫރު، މެލޭޝިއާ އަދި ދެކުނު ކޮރެއާއިންނެވެ. ނަމަވެސް އެ ގައުމުގައި ހުންނަ، އީރާނުން ބިނާކޮށްދީފައިވާ ރިފައިނަރީއަށް ބޭނުންވާ ސާފުނުކުރާ ތެޔޮ [ކްރޫޑް އޮއިލް] ގެންނަނީ މެދުއިރުމަތިންނެވެ.
ސަރުކާރުން އިންޒާރު ދީފައިވާ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިގެން ދިއުމަކީ 2022 ވަނަ އަހަރު ދިމާވި އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމެކެވެ.
ބޭރު ފައިސާ ހުސްވުމުގެ ސަބަބުން 2022 ވަނަ އަހަރު ސްރީ ލަންކާއިން ވަނީ 46 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ނުދެއްކޭނެ ކަމަށް އިއުލާންކޮށްފަ އެވެ. އޭގެ ފަހުން އެ ގައުމުން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން 2.9 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ހޯދައިފަ އެވެ. -- އޭއެފްޕީ