އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ ބާއްވާ މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރަން ޕާކިސްތާން އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިއަދު ދުވަހު ވިދާޅުވެއްޖެ އެވެ.

"ސަރަހައްދުގެ ސުލްހަ އާއި ހަމަޖެހުމަށްޓަކައި މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުވަން ވާހަކަތައް ފެށުމަށް ޕާކިސްތާނުން މަރުހަބާ ކިޔައި ފުރިހަމައަށް ތާއީދުކުރަން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު ވިދާޅުވި އެވެ.

"އެމެރިކާ އާއި އީރާނުން އެއްބަސްވާ ނަމަ، މި ހަނގުރާމައަށް ދާއިމީ ހައްލެއް ހޯދުމަށް ބާއްވާ މާނަހުރި މަޝްވަރާތަކަށް މެދުވެރިއެއްގެ ދައުރު އަދާކޮށް، އެކަމަށް މަގުފަހިކޮށްދިނުމުގެ ޝަރަފު ލިބިގަންނަން ޕާކިސްތާނު އޮތީ ތައްޔާރަށް."

އީރާނުގެ ރަސްމީ ނިއުސް އެޖެންސީ 'އިރްނާ' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާކުރުމަށް އެމެރިކާއިން އެދިފައިވާކަމުގެ މެސެޖުތަކެއް ބައެއް "ރަހުމަތްތެރި ގައުމުތަކުން" ލިބިފައިވާކަމަށް އީރާންގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ވަނީ ބުނެފަ އެވެ.

ޝަހްބާޒް ވިދާޅުވި ގޮތުގައި، އޭނާ ވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއާ ވާހަކަދައްކަވައި، ސަރަހައްދަށް ސުލްހަ ގެނައުމަށް ޕާކިސްތާނު ސަރުކާރުން އެހީތެރިވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އަދި ބޮޑުވަޒީރުގެ ނައިބު އިސްހާގު ދާރް ވެސް ވަނީ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީއާ ގުޅުއްވައި ވާހަކަ ދައްކަވައިފަ އެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ތާހިރު ހުސައިން އަންދްރާބީ މިއަދު އޭއެފްޕީއަށް ވިދާޅުވީ، ޕާކިސްތާނަކީ "އަބަދުވެސް މަޝްވަރާތަކަށް މަރުހަބާ ކިޔާ ގައުމެއް" ކަމަށާއި، ސަރަހައްދީ ސުލްހައަށްޓަކައި ޑިޕްލޮމެސީ އާއި މަޝްވަރާއަށް އަބަދުވެސް ވަކާލާތުކުރާ ކަމަށެވެ.

ޕާކިސްތާނުން އޮމާނަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު އިމްރާން އަލީ ޗައުދަރީ '92 ނިއުސް' އަށް ހޯމަ ދުވަހުގެ ރޭ ވިދާޅުވި ގޮތުގައި، ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ދާދި ފަހުން ވަނީ ގަލްފު ސަރަހައްދުގައި އެމެރިކާގެ މަންދޫބުންނާ ބައްދަލުކުރައްވައިފަ އެވެ.

"މީގެ ދެ ހަފުތާ ނުވަތަ ދެ ހަފުތާ ބައިގެ ކުރިން، ފީލްޑް މާޝަލް އާސިމް މުނީރު ވަނީ ސިއްރު ދަތުރުފުޅެއްގައި އޮމާނަށް ވަޑައިގެން، (ސްޓީވް) ވިޓްކޯފް އަދި ޖެރެޑް ކުޝްނާއާ އެކު ހަތަރު ގަޑިއިރުގެ ބައްދަލުވުމެއް ބާއްވާފައި،" އޭނާ ވިދާޅުވި އެވެ.

އީރާނަކީ ޒަމާނުއްސުރެ ޕާކިސްތާނާ ގާތް ގުޅުމެއް އޮންނަ އެކުވެރި ގައުމެކެވެ. ޕާކިސްތާނުން ވަނީ އީރާނުގެ ރޫހީ ލީޑަރު އާޔަތުުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުން ކުށްވެރިކޮށްފަ އެވެ. އަދި އޭނާގެ ދަރިކަލުން އަދި އާ ލީޑަރު މުޖުތަބާ ޚާމަނާއީއަށް މަރުހަބާ ކިޔާފައިވެ އެވެ. 

ޕާކިސްތާނުގެ އާބާދީގެ 10 އާއި 15 ޕަސެންޓާ ދެމެދުގެ އަދަދަކީ ޝިއައީ މުސްލިމުން ކަމަށް ވާއިރު ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ވަނީ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރީ މުޒާހަރާކޮށް ހަމަނުޖެހުންތައް ވެސް ހިނގައިފަ އެވެ. -- އޭއެފްޕީ