ކުޑައިރު ސޯޝަލް މީޑިއާއަށް ދެވިހިފި މައްސަލައިގައި، މެޓަ އަދި ގޫގްލްއާ ދެކޮޅަށް ޒުވާން އަންހެނަކު ކުރި ދައުވާގައި، ލޮސް އެންޖެލިސްގެ ޖޫރީއަކުން އޭނާއާ އެއްކޮޅަށް ނިންމައިފި އެވެ.
ޖޫރީން ނިންމި ގޮތުގައި، މެޓަ އާއި ގޫގުލް އިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ފަރުމާކޮށްފައިވަނީ ގަސްތުގައި އެއަށް ދެވިހިފާ ގޮތަށެވެ. އަދި މިކަމުގެ ސަބަބުން، "ކޭލީ" ގެ ނަމުން މަޝްހޫރުވެފައިވާ 20 އަހަރުގެ މި އަންހެންމީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުން ވެފައުވާ ކަމަށް ޖޫރީން ކަނޑައެޅި އެވެ.
އެމެރިކާގެ ކޯޓުތަކުގައި މިހާރު ކުރިއަށްދާ މިފަދަ އެތައް ސަތޭކަ މައްސަލައަކަށް މި ނިންމުމުގެ ސަބަބުން ބޮޑު ނުފޫޒެއް ފޯރުވާނެ ކަމަށް ބެލެވެ އެވެ.
މެޓާގެ ވަކީލުން ބުނަމުން ދިޔައީ، ކޭލީގެ ހަޔާތުގައި އޭނާ ތަހައްމަލުކުރި އުނދަގޫތަކަކީ އެ ކުންފުނީގެ ދަށުން ހިންގާ އިންސްޓަގްރާމް، ފޭސްބުކް އަދި ވަޓްސްއަޕް ފަދަ އެޕެއް ބޭނުންކުރުމުގެ ސަބަބުން ދިމާވި ކަންތައްތަކެއް ނޫން ކަމަށެވެ.
ގާތްގަނޑަކަށް ފަސް ހަފުތާގެ މުއްދަތަށް ކުރިއަށްދިޔަ މި އަޑުއެހުންތަކަށް ފަހު، ޖޫރީން ނިންމީ ދައުވާކުރި ފަރާތަށް ލިބުނު ގެއްލުމުގެ 70 ޕަސެންޓް ޒިންމާ މެޓާ އިން އުފުލަންޖެހޭނެ ކަމަށާއި އަދި 30 ޕަސެންޓް ޒިންމާ ޔޫޓިއުބުން އުފުލަންޖެހޭނެ ކަމަށެވެ.
މިކަމާ ގުޅިގެން މެޓަ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ޖޫރީގެ ނިންމުމަށް އަޅުގަނޑުމެން އިހުތިރާމާ އެކު ދެކޮޅު ހަދަން" ކަމަށެވެ. އަދި މި މައްސަލައިގައި ގާނޫނީ ގޮތުން ކުރިއަށްދެވޭނެ ގޮތްތައް މިހާރު ބަލަމުން އަންނަ ކަމަށް ބުންޏެވެ.
މިދިޔަ ފެބްރުއަރީ މަހު ފުރަތަމަ ފަހަރަށް ޖޫރީއެއްގެ ކުރިމައްޗަށް ހާޒިރުވެ، މެޓާގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް މާކް ޒަކަބާގް ވިދާޅުވީ، 13 އަހަރުން ދަށުގެ ކުދިންނަށް އެ ކުންފުނީގެ އެއްވެސް ޕްލެޓްފޯމެއް ބޭނުން ނުކުރެވޭނެ ގޮތަށް އޮންނަ ސިޔާސަތަށް އޭނާ އިތުބާރު ކުރައްވާ ކަމަށެވެ.
ނަމަވެސް، 13 އަހަރުން ދަށުގެ ކުޑަކުދިން އެ ޕްލެޓްފޯމްތައް ބޭނުންކުރާކަން މެޓާއަށް އެނގޭކަން ހާމަވާ އެތެރޭގެ ދިރާސާތަކާއި ލިޔެކިޔުންތައް ހުށަހެޅުމުން، ޒަކަބާގް ވިދާޅުވީ އެފަދަ ކުދިން ދެނެގަތުމުގެ މަސައްކަތް މިއަށްވުރެ އަވަހަށް ދެނެގަނެވޭނެ ގޮތެއް ހެދުމަކީ އޭނާ އަބަދުވެސް އެދޭ ގޮތް ކަމަށެވެ. އަދި ކުންފުނި މިހާރު އޮތީ އެކަމުގައި "ރަނގަޅު މިސްރާބެއްގައި" ކަމަށް ވިދާޅުވި އެވެ.
މި މައްސަލައިގައި، ޔޫޓިއުބްގެ މިލްކުވެރި ފަރާތުގެ ހައިސިއްޔަތުން ގޫގުލްއަކީ ވެސް ދައުވާލިބޭ ފަރާތެއް ނަމަވެސް، ޝަރީއަތުގެ ގިނަ މަރުހަލާތައް ބޮޑަށް އަމާޒުވެފައިވަނީ އިންސްޓަގްރާމް އަދި މެޓާ އަށެވެ.
ސްނެޕްޗެޓް އަދި ޓިކްޓޮކަކީ ވެސް މި މައްސަލައިގައި ފުރަތަމަ ދައުވާލިބުނު ކުންފުނިތަކެވެ. ނަމަވެސް، ޝަރީއަތް ފެށުމުގެ ކުރިން އެ ދެ ކުންފުނިން ވަނީ ކޭލީއާ އެކު ކޯޓުން ބޭރުގައި ސިއްރު އެއްބަސްވުންތަކެއް ހަދައި މައްސަލަ ނިންމައިފަ އެވެ.