ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން އެމެރިކާ އާއި އީރާނާ ދެމެދު މަޝްވަރާ ކުރިއަށްދާ ކަމާ މެދު ސުވާލު އުފައްދަން ޖާގައެއް ނެތް ކަމަށާއި އެކަން ކުރިއަށްދާ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގް ދާރް މިއަދު ވިދާޅުވެއްޖެ އެވެ. 

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބުކަން ވެސް ކުރައްވާ ދާރް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާކުރާ ކަމާ މެދު އުފައްދަމުން ގެންދަނީ ބޭނުމެއް ނެތް ޝައްކުތަކެއް ކަމަށެވެ. 

އޭނާ ވިދާޅުވީ އީރާނާއި އެމެރިކާއާ ދެމެދު ނުސީދާކޮށް ވާހަކަ ދެކެވެމުން އަންނަ ކަމަށާއި ޕާކިސްތާނު މެދުވެރިވެގެން ދެ ގައުމުން މެސެޖުތައް ބަދަލުކުރަމުން ގެންދާ ކަމަށެވެ. 

"މިކަމުގައި، އެމެރިކާގެ 15 ނުކުތާއަކަށް ވިސްނުމަށް އީރާނަށް ވަނީ ހުށަހަޅާފައި. އެކުވެރި ތުރުކީ އާއި މިސްރަކީ ވެސް މި މަސައްކަތުގައި އެހީތެރިކަން ދެމުން އަންނަ ގައުމުތައް ،" ދާރް ލިޔުއްވާފައިވެ އެވެ. 

ދާރް މިހެން ވިދާޅުވެފައި މި ވަނީ އެމެރިކާއާ ވާހަކަ ނުދައްކާ ކަމަށް އީރާނުން ތަކުރާރުކޮށް ބުނެފައި ވަނިކޮށެވެ. އީރާންގެ ގައުމީ މީޑިއާއިން ބުނެފައިވާ ގޮތުގައި އެމެރިކާގެ ހުށަހެޅުމަށް އީރާނުން ދެކޮޅުހަދައި އެ ގައުމުގެ އަމިއްލަ ފަސް ޝަރުތެއް ވަނީ ހުށަހަޅައިފަ އެވެ. 

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ، އެމެރިކާއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ބުނާ ވާހަކަ ދޮގުކުރައްވަމުން ވިދާޅުވީ، "ރަހުމަތްތެރި ގައުމުތައް މެދުވެރިކޮށް މެސެޖު ބަދަލުކުރުމަކީ އެމެރިކާއާ އެކު މަޝްވަރާކުރުން ކަމަށް ނުބެލެވޭނެ" ކަމަށެވެ.

ދައުލަތުގެ ޓީވީގައި ވާހަކަ ދައްކަވަމުން އަރަޣްޗީ ވިދާޅުވީ މަޝްވަރާ ކުރުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށާއި އީރާނުން ބޭނުންވަނީ އީރާނުން ބޭނުންވާ ކަންކަން ހާސިލްވާ ގޮތަށް އަމިއްލަ ވިސްނުމުގައި މި ހަނގުރާމަ ނިމުމަކަށް ގެންނަން ކަމަށެވެ.