ލުބުނާނުގެ ދެކުނަށް އިޒްރޭލުން އިއްޔެ ދިން ހަމަލާއެއްގައި ތިން ނޫސްވެރިޔަކު މަރާލައިފި އެވެ.
މީގެ ތެރޭގައި ހިޒްބުﷲގެ އަލް-މަނާރު ނެޓްވޯކުގެ މަޝްހޫރު ރިޕޯޓަރަކު ހިމެނޭއިރު، ލުބުނާނުގެ އިދާރާތަކުން ވަނީ މިއީ "ހަނގުރާމައިގެ ޖަރީމާއެއް" ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އަލް-މަނާރުގެ ކޮރެސްޕޮންޑެންޓް އަލީ ޝުއައިބު މަރާލިކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު ބުނީ އޭނާ އަކީ "ނޫސްވެރިއެއްގެ ނަމުގައި "ހިޒްބުﷲ ޓެރަރިސްޓް ޖަމާއަތުގެ ތެރޭގައި ހަރަކާތްތެރިވި" މީހެއް ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއަށް ލުބްނާނުގެ ވެސް ވެއްޓިފައި ވަނީ، އީރާނުގެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުން، ހިޒްބުﷲ އިން މި މަހުގެ ދެ ވަނަ ދުވަހު އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދޭން ފެށުމުންނެވެ.
އިޒްރޭލުން ވަނީ މުޅި ލުބުނާނަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީ، ދެކުނުގެ ސަރަހައްދުތަކަށް އެއްގަމު މަގުން އަރައިފަ އެވެ. ހަމަނުޖެހުންތައް ފެށުނު ފަހުން މަދުވެގެން 1,189 މީހުން މަރުވެފައިވާ ކަމަށް ލުބުނާނުގެ އިދާރާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ލުބުނާނުގެ ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުގައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ 46 މީހަކާއި ސިއްހީ އެހީތެރިންގެ ފަސް މީހަކު ވެސް މި ހަނގުރާމައިގައި މިހާތަނަށް ވަނީ މަރާލައިފަ އެވެ.
ލުބުނާނުގެ އަސްކަރީ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި، އަލް-މަނާރު ޗެނަލްގެ އަލީ ޝުއައިބާއި އަލް-މަޔާދީންގެ ފާތިމާ ފްތޫނީ މަރުވީ ޖެޒީން ސަރަހައްދުގަ އެވެ. ފްތޫނީއާ އެކު، ކެމެރާމަނަކަށް އުޅުނު އޭނާގެ ފިރިހެން ކޮއްކޮ ވެސް ވަނީ މަރުވެފަ އެވެ. މިއީ ހިޒްބުﷲ އާ ގުޅުން އޮންނަ ކަމަށް އިޒްރޭލުން ތުހުމަތުކުރާ ބައެކެވެ.
އަލް-މަޔާދީން އަދި އަލް-މަނާރުން ވަނީ އެ މީހުންގެ ނޫސްވެރިން މަރުވިކަން ކަށަވަރުކޮށްދީފަ އެވެ.
ޝުއައިބަކީ އަލް-މަނާރުގެ އެންމެ ފާހަގަކޮށްލެވޭ އެއް، ހަނގުރާމައިގެ ކޮރެސްޕޮންޑެންޓެވެ. އޭނާ ވަނީ އިޒްރޭލުން ލުބުނާނަށް މީގެ ކުރިން ވެސް ހަމަލާތައް ދިން އެތައް ފަހަރަކު އަދި އެތައް އަހަރެއް ވަންދެން މި ޚަބަރުތައް ރިޕޯޓްކޮށްފަ އެވެ.
ހަމަލާ ދިފާއުކޮށް އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ޝުއައިބަށް ހަމަލާ ދިނީ އޭނާއަކީ "އަލް-މަނާރުގެ ނޫސްވެރިއެއްގެ ނަމުގައި ހިޒްބުﷲ ޓެރަރިސްޓް ޖަމާއަތުގެ ތެރޭގައި ހަރަކާތްތެރިވެ، ލުބުނާނުގެ ދެކުނާއި ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ އިޒްރޭލު ސިފައިން ތިބޭ ތަންތަން ހާމަކުރަން މަސައްކަތްކުރި" މީހަކަށް ވާތީ ކަމަށެވެ.
ލުބުނާނުގެ ރައީސް ޖޯސެފް އައޫން މި ގަތުލު ކުށްވެރިކުރައްވައި ވިދާޅުވީ، މިއީ "ހަނގުރާމައިގެ ވަގުތުތަކުގައި ނޫސްވެރިންނަށް ލިބިދޭ ބައިނަލްއަގުވާމީ ހިމާޔަތުގެ ހުރިހާ އުސޫލުތަކާއި މުއާހަދާތަކާ ހިލާފަށް ހިންގި ސާފު ޖަރީމާއެއް" ކަމަށެވެ.
ބޮޑުވަޒީރު ނަވާފް ސަލާމް ވިދާޅުވީ ނޫސްވެރިންނަށް ހަމަލާ ދިނުމަކީ "ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފުވުން" ކަމަށެވެ. އަދި އިންފޮމޭޝަން މިނިސްޓަރު ޕޯލް މޯކޯސް ވަނީ މިއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ވިދާޅުވެފަ އެވެ.
މި މަހުގެ ކުރީކޮޅު ބައިރޫތުގައި ދިން ހަމަލާއެއްގައި އަލް-މަނާރުގެ ޕޮލިޓިކަލް ޕްރޮގްރާމްސް ޑައިރެކްޓަރު މުހައްމަދު ޝެރީ ވެސް ވަނީ މަރާލައިފަ އެވެ. އަދި 2023 އަދި 2024 ވަނަ އަހަރު އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ވެސް ބައެއް ނޫސްވެރިން މަރުވެ އަދި އަނިޔާވެފައިވެ އެވެ.
އެ ހަނގުރާމައިގައި ލުބްނާންގެ ދެކުނަށް ދިން ހަމަލާތަކުގައި މަދުވެގެން ފަސް ނޫސްވެރިން މަރުވި އެވެ. އޭގެ ތެރޭގައި އަލް-މަޔާދީން ޓީވީގެ ކޮރެސްޕޮންޑެންޓަކާއި އަލް-މަނާރުގެ ކެމެރާމަނަކު ހިމެނެ އެވެ.
މީގެ އިތުރުން 2023 އޮކްޓޯބަރުގައި، އިޒްރޭލު ބޯޑަރު ކައިރީގައި ހިނގަމުންދިޔަ ކަންކަން ކަވަރުކުރަމުން ދަނިކޮށް، ރޮއިޓާސްގެ ނޫސްވެރިޔާ އިއްސާމް އަބްދުالله މަރުވެ، އޭއެފްޕީގެ ދެ ނޫސްވެރިން ކަމަށްވާ ޑައިލަން ކޮލިންސް އަދި ކްރިސްޓީނާ އާސީ ހިމެނޭހެން ހަ މީހަކަށް އަނިޔާވި އެވެ.
އޭއެފްޕީން ހިންގި މިނިވަން ތަހުގީގަކުން ނިންމާފައިވަނީ، އެ ހަމަލާދީފައިވަނީ އިޒްރޭލުގެ އެތެރޭގައި އޮންނަ ޖޯރްދައިކް ސަރަހައްދުން ފޮނުވާލި އިޒްރޭލުގެ 120 މިލިމީޓަރުގެ ދެ ޓޭންކް އުންޑައިން ކަމަށެވެ. -- އޭއެފްޕީ