ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް މަޝްވަރާކުރުމުގެ ދަޅަ ދައްކައިގެން އެމެރިކާއިން ސިއްރިއްޔާތުގައި ގެންދަނީ އީރާނަށް އެއްގަމު މަގުން އަރައި ހަމަލާ ދިނުމަށް ރާވަމުން ކަމަށް އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް މިއަދު ވިދާޅުވެއްޖެ އެވެ.
"ދުޝްމަނުން ފާޅުގައި މަޝްވަރާ އާއި ވާހަކަދެއްކުމުގެ މެސެޖުތައް ފޮނުވާއިރު، ސިއްރިއްޔާތުގައި ދަނީ އެއްގަމު މަގުން ހަމަލާއެއް ދިނުމަށް ރާވަމުން،" ރަސްމީ ނިއުސް އެޖެންސީ އިރްނާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ގާލީބާފް ވިދާޅުވި އެވެ.
"އަހަރެމެންގެ ސިފައިން ތިބީ އެމެރިކާގެ ސިފައިން އެއްގަމު މަގުން އަރާނެ ވަގުތަކަށް އިންތިޒާރުކޮށްގެން. އެ މީހުން އަންދާލައި، ސަރަހައްދީ ބައިވެރިންނަށް ދާއިމީކޮށް އަދަބު ދިނުމަށް އަހަރެމެން މި ތިބީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.
ގާލީބާފްގެ މި ހަރުކަށި މެސެޖު ދެއްވާފައި ވާއިރު، ފެބްރުއަރީ 28 ގައި އިޒްރޭލާއި އެމެރިކާއިން އީރާނަށް ވައިގެ މަގުން ހަމަލާދީ، އެ ގައުމުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން މުޅި މެދުއިރުމައްޗަށް ފެތުރިފައިވާ ސަރަހައްދީ ހަނގުރާމައަށް ވަނީ މަސް ދުވަސްވެފަ އެވެ.
ސާފުނުކުރާ ތެލާއި ގޭހުގެ 20 ޕަސެންޓް އުފުލާ ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް މި ހަނގުރާމައިގެ ސަބަބުން ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.
ގާލީބާފްގެ ބަޔާނުގައި ވަނީ އީރާން ރައްޔިތުން އެއްބައިވަންތަވުމަށް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ގައުމު މިހާރު އޮތީ "މުޅި ދުނިޔެ ޝާމިލުވާ" ހަނގުރާމައެއްގެ ތެރޭގަ އެވެ. އަދި މިއީ އެންމެ ނާޒުކު މަރުހަލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަހަރެމެންނަށް ޔަގީންވަނީ އެމެރިކާއަށް އަދަބުދީ، އީރާނަށް ހަމަލާދެވުނީތީ އެ މީހުން ހިތާމަކުރާނެ ވަރު ކުރެވޭނެކަން. އަދި އަހަރެމެންގެ ހައްގުތައް ސާބިތުކަމާ އެކު ރައްކާތެރިކުރާނަން،" އޭނާ ވިދާޅުވި އެވެ.