ޕާކިސްތާނުގައި ބޭއްވި މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، އީރާނުގެ ހުރިހާ ބަނދަރުތަކެއް ބަންދުކޮށް އެއްވެސް އުޅަނދަކަށް ވަދެ ނުނިކުމެވޭ ގޮތް ހަދާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފި އެވެ. ނަމަވެސް، އީރާނުގެ އަސްކަރިއްޔާއިން ވަނީ މިފަދަ ކޮންމެ އަމަލަކީ ކަނޑުފޭރުމުގެ އަމަލެއްގެ ގޮތުގައި ބަލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

އިސްލާމްއާބާދުގައި އީރާނުގެ ވަފުދަކާ އެކު އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ކުރިއަށް ގެންދެވި މަޝްވަރާތައް ނާކާމިޔާވު ނިމުމަކަށް އައުމުން، ޓްރަމްޕް ވަނީ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރާނެ ކަމަށް ސޯޝަލް މީޑިއާގައި އިއުލާނުކުރައްވައިފަ އެވެ. އެމެރިކާއިން ބޭނުންވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްގެން އީރާނުން ތިބޭ ތިބުން ނިމުމަކަށް ގެންނާށެވެ. 

އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، މި ބްލޮކޭޑް ފަށާނީ ޖީއެމްޓީން 14:00 ގަ އެވެ. އަދި އީރާނުގެ ބަނދަރުތަކުން ބޭރުވާ ނުވަތަ ބަނދަރުތަކަށް ވަންނަން މަސައްކަތްކުރާ ހުރިހާ އުޅަނދަކަށް މި އުސޫލު ހިނގާނެ ކަމަށް ބުންޏެވެ. ނަމަވެސް، މި ބްލޮކޭޑް އަމަލީ ގޮތުން ތަންފީޒުކުރާނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

މިފަދަ އިންޒާރުތަކެއް ދީފައި ވިޔަސް، ނިމުނު ހަފުތާގައި އިއުލާނުކުރި، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު އަލުން ހަނގުރާމަ ފެށިދާނެ ކަމުގެ ސީދާ ނިޝާނެއް އަދި ނުފެނެ އެވެ. މި ހަނގުރާމައިގެ ސަބަބުން މުޅި ސަރަހައްދުގައި ވަނީ ބޮޑު ހަމަނުޖެހުމެއް އުފެދިފަ އެވެ.

ހަމަލާބަދަލުކުރުން ހުއްޓާލުމާ އެކު ދަށަށް ދިޔަ ތެލުގެ އަގު، އެމެރިކާގެ އިންޒާރުތަކާ އެކު ހޯމަ ދުވަހު ވަނީ އަށް ޕަސެންޓް އުފުލިފަ އެވެ. އަދި ޑަބްލިއުޓީއައި އާއި ބްރެންޓް ތެލުގެ އަގު ވަނީ ފީފާއެއް 100 ޑޮލަރަށް ވުރެ މައްޗަށް އަރައިފަ އެވެ.

ހަފްތާ ބަންދުގައި ކުރި މަޝްވަރާތައް ނާކާމިޔާބުވުމުން، ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށި މި ހަނގުރާމަ ދާއިމީކޮށް ހުއްޓާލެވޭނެ ކަމަށް ކުރި އުންމީދު ވަނީ ގެއްލިފަ އެވެ. މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެ، ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑު ލޮޅުމެއް އަރައިފަ އެވެ.

ދުނިޔޭގެ ތެލާއި ގޭސް ބޭރުކުރާ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުތަކަށް ވަނީ ހަނގުރާމަ ފެށުނީއްސުރެ ވަނީ ވަރަށް ބޮޑަށް ހުރަސްއެޅި ދަތުރުތައް މަދުވެފަ އެވެ. އީރާނުން މިހާތަނަށް ހުއްދަ ދެމުން އައީ ހަމައެކަނި ޗައިނާ ފަދަ އެކުވެރި ގައުމުތަކުގެ އުޅަނދުތަކަށެވެ.

ނުތަނަވަސްކަން

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، މި ބްލޮކޭޑް ހުރިހާ ގައުމެއްގެ އުޅަނދުތަކަށް ވެސް ހަމަހަމަކަމާ އެކު ތަންފީޒުކުރާނެ އެވެ. މީގެ ތެރޭގައި އަރަބި ގަލްފާއި ގަލްފް އޮފް އޯމާންގައި ހުރި އީރާނުގެ ހުރިހާ ބަނދަރުތަކެއް ހިމެނެ އެވެ.

އީރާނުގެ ބަނދަރުތަކަށް ނުދާ އުޅަނދުތަކަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން ހުރަސް ނާޅާނެ ކަމަށް ވެސް ބުންޏެވެ.

ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި އޭނާގެ އަމާޒަކީ ކަނޑުއޮޅީގައި ހުރި މައިނުތައް  ނައްތާލައި، ދަތުރުފަތުރަށް އެތަން ހުޅުވާލުމެވެ. ނަމަވެސް އެ ސަރަހައްދު ކޮންޓްރޯލްކޮށްގެން އީރާނަށް ފައިދާ ހޯދުމުގެ ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވި އެވެ.

އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި މި ބްލޮކޭޑް ސިފަކޮށްފައިވަނީ ކަނޑުފޭރުމުގެ އަމަލެއްގެ ގޮތުގަ އެވެ. އަދި އީރާނުގެ ބަނދަރުތަކުގެ ސަލާމަތަށް ނުރައްކާވެއްޖެ ނަމަ، ގަލްފް ސަރަހައްދުގެ އެއްވެސް ބަނދަރަކީ ރައްކާތެރި ތަނަކަށް ނުވާނެ ކަމަށް އިންޒާރު ދިނެވެ.

ޗައިނާއިން ވެސް ވަނީ މި ޕްލޭނަށް ފާޑުކިޔައިފަ އެވެ. ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގުއޯ ޖިއާކުން ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށެވެ.

ރަޝިޔާއިން ބުނި ގޮތުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފް މި ހަފުތާގައި ޗައިނާއަށް ޒިޔާރަތްކުރައްވައި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

ނޭޓޯގެ ބައެއް ގައުމުތަކުން ވެސް މިކަމާ މެދު ނުރުހުން ފާޅުކޮށްފައިވެ އެވެ. ސްޕެއިންގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ މި ބްލޮކޭޑަކީ އެއްވެސް މާނައެއް ނެތް އަމަލެއް ކަމަށެވެ. އަދި އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވީ އިނގިރޭސި ވިލާތުން މި ބްލޮކޭޑްގައި ބައިވެރިނުވާނެ ކަމަށެވެ.