ނިމުނު ހަފްތާ ބަންދުގައި އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް ނާކާމިޔާބުވި ނަމަވެސް، ޕާކިސްތާނު މެދުވެރިކޮށް ދެގައުމުގެ ދެމެދުގައި މައުލޫމާތު ބަދަލުކުރުން ކުރިއަށްދާ ކަމަށާއި އެމެރިކާގެ ހާއްސަ މެސެޖަކާ އެކު މިއަދު ޕާކިސްތާނުގެ ވަފުދެއް އީރާނަށް ދާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.  

"އީރާނުގެ ވަފުދު އެނބުރި ތެހެރާނަށް ދިޔަ، އާދީއްތަ ދުވަހުން ފެށިގެން، ޕާކިސްތާނު މެދުވެރިކޮށް އެތައް މެސެޖެއް ވަނީ ބަދަލުކޮށްފައި،" އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ، ހަފުތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިސްލާމްއާބާދުގައި ފެށި މަޝްވަރާތަކުގެ ކުރިއަށް އޮތް ބައިގެ ގޮތުން، މިއަދުގެ ވަގުތެއްގައި ޕާކިސްތާނުގެ ވަފުދެއް އީރާނަށް އައުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

މިދިޔަ ހަފްތާގައި ޕާކިސްތާނުގައި ކުރިއަށްދިޔަ މަޝްވަރާތަކަކީ، ދެ ހަފްތާއަށް ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުމުގެ ތެރެއިން ކުރިއަށްދިޔަ ވާހަކަތަކެކެވެ. ނަމަވެސް 21 ގަޑިއިރަށް ދެމިގެންދިޔަ މި މަޝްވަރާތައް ވަނީ އެއްބަސްވުމަކަށް ނާދެވި ނިމިފަ އެވެ. މި ބައްދަލުވުންތަކުގައި އެމެރިކާގެ ވަފުދު އިސްކޮށް ހުންނެވީ ނައިބު ރައީސް ޖޭ.ޑީ ވެންސް އެވެ. އީރާނުގެ ފަރާތުން އިސްކޮށް ހުންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އެވެ.

އެއްބަސްވުމަކަށް ނާދެވުނު މައިގަނޑު ސަބަބުތައް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަހުން ވަނީ ހޮރްމުޒް ކަނޑުއޮޅި ނުހުޅުވުމުން އީރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނީއްސުރެ އެ ކަނޑުއޮޅި އޮތީ ބަންދުކޮށްފަ އެވެ. މީގެ އިތުރުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލާގައި ދޫދިނުމަށް އެގައުމުން ދެކޮޅު ހަދާފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، އެމެރިކާއިން އެދުނީ އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރުން 20 އަހަރަށް ހުއްޓާލުމަށެވެ. ނަމަވެސް އީރާނުން ހުށަހެޅީ ފަސް އަހަރަށް ނިއުކްލިއާ ހަރަކާތްތައް މެދުކަނޑާލުމަށެވެ. އީރާނުގެ މި ހުށަހެޅުން އެމެރިކާގެ އޮފިޝަލުން ވަނީ ބަލައިގަންނަން ދެކޮޅުހަދައިފަ އެވެ.

ބުދަ ދުވަހު ބަގާއީ ވިދާޅުވީ، މަޝްވަރާތަކުގެ ތެރޭގައި އެމެރިކާއިން ހުށަހެޅި ބައެއް ކަންކަމަކީ "ބުއްދިއަށް ގަބޫލުނުކުރެވޭ އަދި ހަގީގަތާ ހިލާފު" ކަންތައްތަކެއް ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއާ ހަކަތަ ސުލްހަވެރި ކަންކަމަށް ބޭނުންކުރުމުގެ ހައްގަކީ "ބިރުދައްކައިގެން ނުވަތަ ހަނގުރާމަކޮށްގެން އަތުލެވޭނެ ހައްގެއް ނޫން" ކަމަށް އޭނާ ތަކުރާރުކުރެއްވި އެވެ.

ނަމަވެސް، ޔުރޭނިއަމް މުއްސަނދިކުރާ މިންވަރަކީ "މަޝްވަރާ ކުރެވިދާނެ" ކަމެއް ކަމަށާއި، ގައުމުގެ ބޭނުންތަކަށް ބޭނުންވާ މިންވަރަށް އެކަން ކުރެވެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމަ ދުވަހުން ފެށިގެން އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރުކޮށްފައި އޮތް އޮތުމަށް ފާޑުވިދާޅުވަމުން ބަގާއީ ވިދާޅުވީ، އެ ބްލޮކޭޑް "ކާމިޔާބެއް ނުވާނެ" ކަމަށެވެ.

އޭނާ ވިދާޅުވީ، އީރާނުން އެމެރިކާގެ ޝަރުތުތަކަށް ހަމައެކަނި ބޯލެނބުމުގެ ބޭނުމުގައި އެއްވެސް މަޝްވަރާއަކަށް ނުދާނެ ކަމަށެވެ. -- އޭއެފްޕީ