އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހަށިގަނޑުން ކެންސަރުގެ ޓިއުމަރެއް ނަގާފައިވާކަން އޭނާގެ އަހަރީ މެޑިކަލް ރިޕޯޓުން ހާމަވެއްޖެ އެވެ.

މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ނަތަންޔާހޫ މިކަން ހާމަކުރަމުން ބުނީ ޕްރޮސްޓޭޓް ދުޅަވުމާ ގުޅިގެން ކުރި އޮޕަރޭޝަނަކަށްފަހު، ހަދަމުންދިޔަ ޗެކަޕްތަކުގެ ތެރެއިން ކެންސަރުގެ އަލާމާތް ހުރި ޓިއުމަރެއް ފެނިފައިވާ ކަމަށެވެ. އެ ޓިއުމަރު ނަގައި ދިން ފަރުވާގެ ސަބަބުން ކެންސަރުގެ އެއްވެސް އަސަރެއް މިހާރު ނެތް ކަމަށާއި "މި ހުރީ ޖިސްމާނީ ގޮތުން ވަރަށް ރަނގަޅު ހާލަތެއްގައި" ކަމަށް ވެސް ބުނެފައިވެ އެވެ.

ނަތަންޔާހޫ ބުނި ގޮތުގައި، އޭނާގެ ސިއްހީ ރިޕޯޓު އާންމުކުރުން ލަސްކުރަން އެދުނީ، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމައިގެ އެންމެ ނުރައްކާތެރި ދަނޑިވަޅުގައި، އިޒްރޭލާ ދެކޮޅަށް "އީރާނުން ދޮގު ޕްރޮޕެގެންޑާ ފެތުރުން" ހުއްޓުވުމަށެވެ.

އުމުރުން 76 އަހަރުގެ ނަތަންޔާހޫ ބުނީ ޕްރޮސްޓޭޓް ދުޅަވުމާ ގުޅިގެން ފުރަތަމަ އޮޕަރޭޝަން ކުރީ 2024 ވަނަ އަހަރު ކަމަށާއި، އޭގެ ފަހުން ގަވާއިދުން މޮނިޓަ ކުރަމުންދިޔަ ކަމަށެވެ. އަދި އެންމެ ފަހުން ހެދި ޗެކަޕްގައި ފެނުނީ "ސެންޓިމީޓަރަކަށް ވުރެ ކުޑަކުޑަ ތިއްކެއް" ކަމަށް އޭނާ ބުންޏެވެ.

"ޕްރޮސްޓޭޓްގައި ދިމާވި ކުޑަ ސިއްހީ މައްސަލައަކަށް ވަނީ ފުރިހަމައަށް ފަރުވާ ދެވިފައި. އެކަން މިހާރު އޮތީ މާޒީވެފައި،" އޭނާ ބުންޏެވެ.

ނަތަންޔާހޫގެ ދިގު ޕޯސްޓުގައި ބުނީ، ފަރުވާ ހޯދަން ނިންމީ "ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ މައުލޫމާތު ވަގުތުން ލިބުމުން، އެކަމަށް އަވަސް ފިޔަވަޅު އަޅަން ބޭނުންވާތީ" ކަމަށެވެ. އަދި "މިއީ ގައުމީ ފެންވަރުގަޔާއި އަމިއްލަ ފަރުދީ ފެންވަރުގައި ވެސް އޮތް ހަގީގަތެއް" ކަމަށް އޭނާ ބުންޏެވެ.

މިކަން ހާމަކޮށްފައި މި ވަނީ އީރާނާ އެކު ކުރަމުންދާ ހަނގުރާމަ ހުއްޓުވައި ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ނަތަންޔާހޫ ވައިޓް ހައުސްއަށް ދާން ވެސް ހަމަޖެހިފައި ވަނިކޮށެވެ.

މީގެ އިތުރުން، އިޒްރޭލާއި، އީރާނުގެ މަދަދުލިބޭ ހިޒްބުالله އާ ދެމެދު ހިނގި ކުރިމަތިލުންތަކަށް ފަހު، ލުބުނާނާ އެކު ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު ވެސް ވަނީ އިތުރު ތިން ހަފުތާއަށް ދަންމާލައިފަ އެވެ.