އީރާނާއި އެމެރިކާއިން ކުރިއަށް ގެންދިޔަ ސުލްހައިގެ މަޝްވަރާތަކުގެ ދެ ވަނަ ބުރުގައި ބައިވެރިވުމާ މެދު ގޮތެއް ނުނިންމާ ތިބުމަށް ފަހު އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ މިރޭ ޕާކިސްތާނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށްފި އެވެ. 

މަޝްވަރާތަކުގެ މެދުވެރިއަކަށް މަސައްކަތްކުރާ ޕާކިސްތާނުގެ އޮފިޝަލަކު އެކަން ކަށަވަރުކޮށްދީފައި ވަނިކޮށް އީރާންގެ ގައުމީ މީޑިއާއިން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. 

އެކަމަކު މި ދަތުރުގައި އަރަގްޗީ ބައްދަލުކުރައްވާނީ ކޮން ބަޔަކާ ކަމެއް އަދި ހާމައެއް ނުކުރެ އެވެ. 

މަޝްވަރާތަކުގެ ދެވަނަ ބުރަކަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު ތައްޔާރުވެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވާއިރު، އީރާނުގެ ފޮރިން މިނިސްޓަރާއި އޭނާގެ ވަފުދުން މެދުއިރުމަތީގެ ހަނގުރާމައާ ގުޅޭގޮތުން އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކުރާނެކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ.

ނަމަވެސް މިއީ އެމެރިކާއާ އެކު އީރާނުން އަލުން މަޝްވަރާއަށް ދިއުން ކަމަށް ވަރަށް ބޮޑަށް ބެލެވޭތީ އާއި މަސްރަހު ފެންނަ ގޮތުން ކުރެވޭ އުންމީދާ އެކު ތެލުގެ އަގަށް ވަގުތުން ވަނީ އެނގުން ވެފަ އެވެ. 

ބައިނަލްއަގުވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ނޯތު ސީ ކުރޫޑްގެ އަގު ދެ ޕަސެންޓަށް ވުރެ ބޮޑަށް އުފުލުމަށްފަހު، އަގު ވަނީ 0.5 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެއާ އެކު ފީފާއެއްގެ އަގު މިހާރު ހުރީ 104.57 ޑޮލަރުގަ އެވެ. އެމެރިކާގެ މައި ކޮންޓްރެކްޓް ކަމަށްވާ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓްގެ އަގު 1.1 ޕަސެންޓް ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 94.80 ޑޮލަރަށް ވެއްޓިފަ އެވެ.

އީރާނާއި އެމެރިކާއިން ހަމަލާތައް ދެ ހަފްތާއަށް މެދުކަނޑާލުމުގެ އެއްބަސްވުމުގެ މުއްދަތު މިދިޔަ ހަފްތާގައި ހަމަވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އީރާނުން ގޮތެއް ނިންމައި އާ ހުށަހެޅުމެއް ހުށަހަޅަންދެން، ހަމަލާދިނުން މެދުކަނޑާލާފައި ބާއްވާނެ ކަމަށް އިއުލާނުކުރައްވައިފަ އެވެ. އެކަމަކު އީރާންގެ ބަނދަރުތައް ބަންދުކޮށްގެން އެމެރިކާއިން ތިބޭ ތިބުމާއި އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ނުގެނެ އެވެ. 

ސުލްހައިގެ އުންމީދު އާވެފައި ވާއިރު އީރާނުން މިއަދު ވަނީ މާދަމާއިން ފެށިގެން އެ ގައުމުގެ ވެރިރަށް ތެހެރާންގެ އިމާމް ޚާމަނާއީ އެއާޕޯޓުން އިންޓަނޭޝަނަލް ދަތުރުތައް ވެސް އަލުން ފަށަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. 

އިއުލާނުގައިވާ ގޮތުން، އެންމެ ފުރަތަމަ ދަތުރުތައް އަލުން ފަށާނީ އިސްތަންބޫލް އަދި މަސްކަޓަށެވެ.

ފެބްރުއަރީ 28 ގައި ފެށުނު ހަނގުރާމައާ ގުޅިގެން އީރާނުގެ ވައިގެ ސަރަހައްދު އެއްކޮށް ބަންދުކޮށްފައި އޮތުމަށްފަހު މިހާރު ދަނީ ވައިގެ ސަރަހައްދު ވެސް ހުޅުވަމުންނެވެ. 

މިދިޔަ ހަފުތާގައި ވަނީ، އީރާންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަޝްހަދުގައި އޮންނަ އެއާޕޯޓު ހޯމަ ދުވަހު އަލުން ހުޅުވާނެކަން ވެސް އިއުލާނުކޮށްފަ އެވެ. ހުކުރު ދުވަހުގެ ފްލައިޓް ޓްރެކިންތަކުން ދައްކާ ގޮތުގައި، އެ އެއާޕޯޓުން ބައިނަލްއަގުވާމީ ދެ ދަތުރެއް ވަނީ ކޮށްފަ އެވެ. އެއީ ތުރުކީ އަދި އުމާނަށް ކުރި ދަތުރުތަކެކެވެ.