އެމެރިކާއިން މަސައްކަތް ކުރަމުންދަނީ ލަދެއްގައި ނުބެދި ހަނގުރާމައިގެ ތެރެއިން ނުކުމެވޭނެ މަގެއް ހޯދަން ކަމަށް އީރާނުގެ ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހަނގުރާމަ ނިމުމަކަށް ގެނައުމާ ބެހޭ ގޮތުން އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާތަކުން އަދި ނަތީޖާއެއް ނުނެރެވެ އެވެ. އެކަމަކު ފުރަތަމަ ބުރުގެ ވާހަކަތަކަށް ފަހު ރޭ ވަނީ އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ޕާކިސްތާނަށް ވަޑައިގެންފަ އެވެ. މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނަށް އީރާންގެ ފޮރިން މިނިސްޓަރު ވަޑައގެންފައި ވާއިރު އެމެރިކާގެ ވަފުދު ވެސް ވަނީ ޕާކިސްތާނަށް ދަތުރު ފަށައިފަ އެވެ.
"މިހާރު ކޮންޓްރޯލް އޮތީ އަހަރެމެންގެ އަސްކަރިއްޔާއަށް. ދުޝްމަނުން އެ އުޅެނީ، ތާށިވެފައިވާ ހަނގުރާމައިގެތެރެއިން ލަދެއްގައި ނުބެދި ނުކުމެވޭނެ މަގެއް ހޯދަން،" އިސްނާ މީޑިއާ އައުޓްލެޓުން ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނާ ހަވާލާދީ ބުނެފައިވެ އެވެ.
އީރާނުން މިހެން ބުނެފައި މި ވަނީ އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޯފް އަދި ޖެރެޑް ކުޝްނާ އިސްލާމްއާބާދަށް ދަތުރުކުރައްވަމުން ދަނިކޮށެވެ. ނަމަވެސް، އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ އެމެރިކާއާ އެކު ސީދާ މަޝްވަރާތަކެއް ކުރުން އެޖެންޑާގައި ނެތް ކަމަށެވެ.
އީރާނާއި އެމެރިކާއިން ހަމަލާތައް ދެ ހަފްތާއަށް މެދުކަނޑާލުމުގެ އެއްބަސްވުމުގެ މުއްދަތު މިދިޔަ ހަފްތާގައި ހަމަވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އީރާނުން ގޮތެއް ނިންމައި އާ ހުށަހެޅުމެއް ހުށަހަޅަންދެން، ހަމަލާދިނުން މެދުކަނޑާލާފައި ބާއްވާނެ ކަމަށް އިއުލާނުކުރައްވައިފަ އެވެ. އެކަމަކު އީރާންގެ ބަނދަރުތައް ބަންދުކޮށްގެން އެމެރިކާއިން ތިބޭ ތިބުމާއި އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ނުގެނެ އެވެ.
ފެބްރުއަރީ 28 ގައި ފެށުނު ހަނގުރާމައާ ގުޅިގެން އީރާނުގެ ވައިގެ ސަރަހައްދު އެއްކޮށް ބަންދުކޮށްފައި އޮތުމަށްފަހު މިހާރު ދަނީ ވައިގެ ސަރަހައްދު ވެސް ހުޅުވަމުންނެވެ.