ވައިޓް ހައުސް ކަރެސްޕޮންޑެންޓްސް ޑިނާގެ ތެރޭގައި ބަޑިޖެހި މީހާ އުޅުނީ ރައީސް ޑޮނަލްޑް ޓްރަމްޕު އަވަހާރަކޮށްލަން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން ހިލްޓަން ހޮޓެލްގައި ބޭއްވި މީޑިއާ ގާލާގައި ބަޑީގެ ހަމަލާތައް ދޭން ފެށުމާ އެކު ޓްރަމްޕާއި ނައިބު ރައީސް ޖޭޑީ ވެންސް ވަގުތުން އެތަނުން ނެރެ ރައްކާތެރިކަމާ އެކު ބޭރަށް ނެރެފައި ވާއިރު މުޅި ހޮޓަލާއި ސަރަހައްދަށް ބޮޑު ނާމާންކަމެއް އެ ވަގުތު ކުރިމަތިވި އެވެ. އެކަމަކު ހަމަ އެ ވަގުތު ވަނީ ހަމަލާ ދިން މީހާ ހައްޔަރު ވެސް ކޮށްފަ އެވެ.
ހަމަލާގެ ފަހުން ވައިޓް ހައުސްގައި ބޭއްވި ޕްރެސް ބްރީފިންގައި ޓްރަމްޕު ވިދާޅުވީ އޭނާއަށް ހަމަލާދޭން އުުޅުނީ "މަރާލަން" ކަމަށާއި އެއީ ވަކި ބަޔަކާ ގުޅުމެއް ނެތި އަމިއްލަ ވިސްނުމުގައި އެތައް ހަތިޔާރެއް ހިފައިގެން އުޅުނު މީހެއް ކަމަށެވެ.
އެ މީހާ ވަނީ ސެކިއުރިޓީ ޗެކްޕޮއިންޓެއް ހުރަސްކޮށްފައި ކަމަށާއި ސަލާމަތީ ކަންކަމުގައި އުޅުނު އެއް އޮފިސަރެއްގެ ގަޔަށް އުންޑައެއް އެރި ނަމަވެސް "ބުލެޓްޕްރޫފް ވަރަށް ރަނގަޅު ވެސްޓެއް އަޅައިގެން ހުރުމުން" އޮފިސަރު ސަލާމަތްވި ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ.
"އަހަރެމެން މިރޭ ކަންތައްތައް ހިނގައިދިޔަ ހުރިހާ ހާލަތްތަކަކަށް ބަލައިފިން. ބުނަންޖެހެނީ، އެއީ އެހާ ރައްކާތެރި އިމާރާތެއް ނޫނޭ،" ޓްރަމްޕު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅުމެއް ހުރި ހަމަލާއެއް ކަމަށް ބަލަންޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.
ޓްރަމްޕު ވަނީ ބަޑި ހިފައިގެން ހޮޓަލުގެ ތެރެއަށް އެ މީހާ ވަންނަ މަންޒަރު ފެންނަ ވީޑިއޯ ވެސް އާންމުކުރައްވައިފަ އެވެ. އެއިން ފެންނަ ގޮތުގައި، ސެކިއުރިޓީ ޗެކްޕޮއިންޓާ ހަމަޔަށް ދިއުމަށް ފަހު ކުއްލިއަކަށް ބާރަށް ދުއްވައިގަނެ ހޮޓަލުގެ ތެރެއަށް ވަދެގަންނަން އުޅުނީ ބަޑި ޖަހަމުންނެވެ. އެއް ހަމަލާ އޮފިސަރެއްގެ ގަޔަށް އެރި ކަމަށް ވީޑިއޯއިން ފާހަގަވާއިރު އެ އޮފިސަރު ހަމަ އެ ވަގުތު ތެދުވެ ހަމަލާދެ އެވެ.
ވޮޝިންޓަން ޑީސީގެ ޕޮލިސް ޗީފް ވަނީ، ބަޑިޖެހި މައްސަލާގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ އުފުލައި، ހޯމަ ދުވަހު ކޯޓަށް ހާޒިރުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ފުލުހުން ބުނީ ބަޑި ޖެހުމުގެ ތުހުމަތަށް ހައްޔަރުކުރި މީހާގެ އަތުގައި ފިސްތޯލަ އާއި ޝޮޓް ގަން އަދި ވަޅި ވެސް ހުރި ކަމަށެވެ.
މީގެ ކުރިން ޕެންސިލްވޭނިއާގެ ބަޓްލާގައި 2024 ވަނަ އަހަރު ބޭއްވި ރެލީއެއްގެ ތެރޭގައި ދިން ބަޑީގެ ހަމަލާއެއްގައި ޓްރަމްޕު ޒަހަމްވެފައި ވާއިރު، އޭގެ ފަހުން ފްލޮރިޑާގެ ގޮލްފް ކޯހެއްގައި ހުންނަވަނިކޮށް ވެސް ހަތިޔާރާ އެކު ހުރި މީހަކު ވަނީ އެތަނުން ހައްޔަރުކޮށްފަ އެވެ.
މިފަހަރު މި ހާދިސާ ހިނގި ވޮޝިންޓަން ހިލްޓަން ހޮޓަލުގައި، 1981 ވަނަ އަހަރު އޭރުގެ ރައީސް ރޮނަލްޑް ރޭގަންގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލަން ވެސް މީހަކު މަސައްކަތްކުރި އެވެ.