ލަންކާގައި ދުންފަތާއި ރަލުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، 2010 ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ އެންމެންނަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއްގެ ގޮތުގައި ހެދުމުގެ ހުށަހެޅުމެއް އެ ގައުމުގެ ހެލްތު މިނިސްޓަރާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.
މި ހުށަހެޅުން އެކުލެވޭ ކޮންސެޕްޓް ޕޭޕަރު ހެލްތު މިނިސްޓަރު ޑރ. ނަލިންދަ ޖަޔަތިއްސަ އާއި ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ ނޭޝަނަލް އޮތޯރިޓީ އެންޑް ޓޮބޭކޯ އެންޑް އަލްކޮހޮލް (އެންއޭޓީއޭ) އިންނެވެ.
މައިގަނޑު ހުށަހެޅުންތައް:
- ގަވާއިދުތައް ޒަމާނީކުރުން: މިހާރު އޮތް ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތައް މުރާޖައާކޮށް ޒަމާނާ އެއްގޮތަށް ބަދަލުކުރުން.
- ދުންފަތުގެ ބާވަތްތައް މަނާކުރުން: ކަނޑައެޅޭ ވަކި އުމުރަކަށްފަހު، އުފަންވާ އެންމެންނަށް ދުންފަތުގެ ބާވަތްތައް ހުއްޓުވުން.
މިނިސްޓަރު ޖަޔަތިއްސަ މި އިސްލާހީ މަސައްކަތަށް މަރުހަބާ ވިދާޅުވެ، ދުންފަތާއި ރަލަކީ ކުޑަކުދިންގެ ކުރިމަގު ބިނާކުރުމަށް އޮތް އެންމެ ބޮޑު ހުރަސްކަން ފާހަގަކުރެއްވި އެވެ. އަދި ގާނޫނީ އިސްލާހުތައް ގެނައުމަށް ބޭނުންވާ ތަފްސީލުތައް ފޯރުކޮށްދިނުމަށް ވަނީ އަންގަވައިފަ އެވެ.
ޑރ. ރަތުނަޔަކަ ފާހަގަކުރެއްވި ގޮތުގައި، ލަންކާގައި މަރުވާ މީހުންގެ 80 ޕަސެންޓަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންނެވެ. އަދި ދުންފަތާއި ރަލަކީ މީގެ ތެރެއިން އެންމެ ބޮޑު ސަބަބު ކަމަށް ވިދާޅުވި އެވެ.
ދުންފަތުގެ ސަބަބުން މުޅި ދުނިޔޭގައި އަހަރަކު 8 މިލިއަން މީހުން މަރުވާއިރު، މީގެ ތެރޭގައި ސީދާކޮށް ދުންފަތް ބޭނުންކުރާ 7 މިލިއަން މީހުންނާއި، ދުންފަތުގެ ދުމުގެ އަސަރުކުރާ 10 ޕަސެންޓް މީހުން ހިމެނެ އެވެ.
ލަންކާގައި ކޮންމެ އަހަރަކު 22،000 މީހުން ދުންފަތާއި ރަލުގެ ސަބަބުން މަރުވަމުންދާއިރު، މިކަމުގެ ސަބަބުން އިގްތިސާދީ އަދި އިޖުތިމާއީ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހެ އެވެ. މީގެ އިތުރުން، މި ދެ ބާވަތަކީ އެހެނިހެން މަސްތުވާތަކެތީގެ ތެރެއަށް ވަނުމަށް މަގުފަހިކޮށްދޭ އެއްޗެއްގެ ގޮތުގައި ވެސް ފާހަގަކުރެވެ އެވެ.
ސްކޫލު ކުދިންގެ މެދުގައި ދުންފަތުގެ އިސްތިއުމާލު އިތުރުވަމުންދާތީ، އާންމު ސިއްހަތަށް ކުރާ ހަރަދު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށާއި ކުރިއަށް އޮތް ޖީލުތައް ރައްކާތެރިކުރުމަށްޓަކައި އެ ބާވަތްތައް ލިބޭ މިންވަރު މަދުކުރުމަކީ އެންމެ އެކަށީގެންވާ ފިޔަވަޅުކަމަށް މި ހުށަހެޅުމާ އެކު ބުނެފައިވެ އެވެ.